އިކޮނޮމިކް މިނިސްޓްރީއިން އެއްވެސް މީހަކަށް ނާޖާއިޒު ފައިދާއެއް ނުހޯދޭނެ ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ޓްވީޓްގައި ވިދާޅުވެފައިވަނީ އޭނާ އިކޮނޮމިކް މިނިސްޓްރީގައި ހުރިހައި ހިނދަކު އެއްވެސް ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށެވެ.

" އަދި އަޅުގަނޑަކީ އަޅުގަނޑާ މުއާމަލާތްކުރާ މޭރުމުން އެފަރާތަކާއި މުއާމަލާތް ކުރާނެ މީހެއް ކަަމަށްވެސް ދަންނަވަން." މިނިސްޓަރު ފައްޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ބެލެވޭގޮތުން ފައްޔާޒު ރައްދު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގ ސްޕެޝިއަލް އެންވޯއީ އަދި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު އަށެވެ. މިއަދު ޖާބިރު ވަނީ ފައްޔާޒާ މެދު ހިތް ހަމަ ނުޖެހުން ފާޅުކޮށް ޓްވީޓްތަކެއް ކުރައްވާފަ އެވެ.

ޖާބިރު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އޭނާގެ މަންމަޔާ ބެހޭގޮތުން ބޭ އަދަބީ ބަހުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. އެހެންވީމަ އޭނާ މަގާމުން ދުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމުރު ކުރާ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

ޖާބިރު ވަނީ ފައްޔާޒު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވުމަށްވެސް ދަންނަވާފަ އެވެ.