އޭޑީކޭގެ "އެންޕްލޯއީ އޮފް ދަ އިޔާ"ގެ އެވޯޑް އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރު، ނުހާ އަބްދުލްގުއްދޫޝް އަށް ލިބިއްޖެ އެވެ. އަދި ގޯލްޑް ޕާފޯމެންސްގެ އެވޯޑް ފަސް މުވައްޒަފަކަށް ލިބިފައިވާ އިރު ސިލްވާ ޕާފޯމެންސްގެ އެވޯޑް ވަނީ ތިން މިވައްޒަފަކަށް ލިބިފަ އެވެ.

އެފަރާތްތަކަށް އެވޯޑް ހަވާލުކުރުން އޮތީ ރޭ އެ ހޮސްޕިޓަލުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިއަދު ވިދާޅުވީ މި އަހަރު އަލަށް ތައާރަފްކޮށްފައިވާ11 އެވޯޑް ދެން ކޮންމެ އަހަރަކު ވެސް ދެމުން ގެންދާނެ ކަމަށާއި މިއެވޯޑް ދިނުމަށް ހަމަޖައްސާފައި ވަނީ ކޮންމެ އަހަރަކު ވެސް އެންމެ ރަނގަޅު ކަމަށް މެނޭޖްމަންޓުން ފާހަގަ ކުރާ މުވައްޒަފުންނަށް ކަމަށެވެ.

"މިއެވޯޑްތަކަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގައި ޕާފޯމެންސް އެޕްރައިސަލްއެއް ހެދޭނެ. އެއަށް ފަހު މަސައްކަތަކާއި ގަޑިއަށް އަދި ސަލާންބުނުން ފަދަ ކަންތައްތައް ބެލުމަށް ފަހު އެފަރާތެއް ކަނޑައަޅާނީ. ވަރަށް ބޮޑަށް ބަލާފައި އެވޯޑް ދޭނެ ފަރާތެއް ކަނޑައަޅަނީ،" އައްފާލު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ގޯލްޑް ޕާފޯމެންސް އެވޯޑް ލިބުނު ފަސް މުވައްޒަފަކުންނަކީ، ނާސިން ސުޕާވައިޒަރެއްގެ މަގާމުގައި މަސައްކަތް ކުރާ މަރިޔަމް ޝަޒިއްޔާ އާއި ފިޒިއޯ ތެރަޕިސްޓްއެއްގެ މަގާމު އަދާކުރާ، ކަރަން ޕްލެސިޑޯ ޕައުޖުއިބޯ އާއި ކައްކާއެއްގެ މަގާމުގައި މަސައްކަތް ކުރާ ޖޭ އަބްދުލްމަޖީދު އާއި ޑރ. ނިތިން ސްރީވާސަން ކްރިސްނަން އެވެ. މި އަހަރު ސިލްވާ ޕާފޯމެންސް އެވޯޑް ލިބިފައި ވަނީ ސީނިއާ އެޑްމިން މެނޭޖަރު ނާޒިމާ އަބްދުލް ޣަނީ އާއި ސީނިއާ ކަސްޓަމާ މޭނޭޖަރު ޝަރަފިއްޔާ މުހައްމަދު އަދި ލެބޯޓްރީ ޓެކްނީޝަންއެއް ކަމަށްވާ ވަސަންތި ސުންދަރަށެވެ.

ރޭގެ އެ ރަސްމިއްޔާތުގައި އޭޑީކޭގެ ނަރުން އިސްނަގައިގެން "ވީކެއާ"ގެ ނަމުގައި އުފައްދާފައިވާ ކްލަބެއް އިފްތިތާހު ކުރުން ވެސް އޮތެވެ.