އެންޓި ކޮރަޕްޝަން ކޮމިޝަނުން މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން، ދައުލަތަށް ލިބެންޖެހޭ ދެ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ދައުލަތުގެ އެކި އިދާރާތަކަށް އަންގައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 2.024 ބިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީން އެކި އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެ ފައިސާއަކީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމި 27 މައްސަލަތަކާ ގުޅޭ ފައިސާ ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހަތަރު މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެ ހަތަރު މައްސަލައިގައި ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ އަދަދަކީ 1.8 ބިލިޔަން ރުފިޔާއެވެ.

އޭސީސީން ބުނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދައުލަތަށް ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވަނީ 2.2 މިލިޔަން ރުފިޔާ ހޯދުމަށް ކަމަށެވެ.