ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ނޫނަސް ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ޖަލު ތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް އެވެ،

މީގެ ކުރިން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރެވޭނީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. އަދި އެމަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވަނީ ބުނެފައެވެ.

ނަމަވެސް މިހާރު ހުށަހެޅި އިސްލާހު ފާސްވެގެން އައުމުން ކޮމިޝަނަރ އޮފް ޕްރިޒަންއަކަށް އައްޔަން ކުރާ ބޭފުޅާ އަކީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރަކަށް ވާކަށް ނުޖެހެ އެވެ.

ހަމަ އެގޮތަށް ޖަލުތަކަށް އައްޔަން ކުރާ ޑައިރެކްޓަރު އޮފް ޕްރިޒަން އަކީވެސް ޖަލު އޮފިސަރަކަށް ވާން ނުޖެހޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

އެބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގެ އިއްވާފައިވާއިރު ބިލުގެ އިބްތިދާއީ ބަހުސްވެސް ވަނީ މިއަދު މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފަ އެވެ.