މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ރަޖިސްޓްރީ ވުމަށް ހޯމް މިނިސްޓްރީ އިން މިއަދު ހުޅުވާލައިފި އެވެ.

އިންތިހާބަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ މިހާރު އިންތިހާބު ވެފައިވާ މެމްބަރުންގެ ދައުރު ހަމަވާތީ، ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށެވެ. އެގޮތުން ވޯޓު ލުމަށާއި އަދި އިންތިޚާބުގައި މަންދޫބުންނާއި އޮބްޒާވަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ރަޖިސްޓްރީ ވުމަށް ވާނީ ހުޅުވާލާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހޯމް މިނިސްޓްރީ އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މިއަދާއި މާދަމާ އަދި ބުދަ ދުވަހު އިންތިހާބަށް ރަޖިސްޓްރީވުމުގެ ފުރުސަތު ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 1:00 އަށް އޮންނާނެ ކަމަށެވެ.

މީޑިއާ ކައުންސިލަށް އާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިިޚާބު އޮންނާނީ މި މަހު 15 ވަނަ ދުވަހު އެވެ. އެ ކައުންސިލުގައި މިވަގުތު ތިއްބެވި މެމްބަރުންގެ ދައުރު ހަމަ ވަނީ އަންނަ ބުދަ ދުވަހަށެވެ.

މީޑިއާގެ އަށް މެމްބަރުންނާއި އާންމުންގެ ހަތް މެމްބަރުން އެކުލެވޭ އެ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ.

ކައުންސިލް މައިނގަޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެ މަތިން ވީހާ ވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމާއި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމްކޮށްދިނުމެވެ. އަދި މީޑިއާގައި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމެވެ.