01 Oct 2011, 12:34
މިއަހަރުގެ ދެ ވަނަ ދައުރުގެ ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާނެ އެވެ.
މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ސަރުކާރުގެ އިގްތިސާދީ އިސްލާހީ ސިޔާސަތުގެ ތެރޭގައި ހިމެނޭ އަށް ބިލެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އޭގެ ތެރޭގައި ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ސްޓްރާޓާ އުސޫލުން އިމާރާތް ކުރުމުގެ ބިލާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އާބިޓްރޭޝަންގެ ބިލާއި ތިމަރަފުށީ ދާއިރާގެ މުސްތަފާ ހުށަހަޅުއްވާފައިވާ މާކަންޓައިލް ކޯޓުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އޭގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ހުށަހަޅުއްވާފައިވާ މެޑިކަލް ޑިވައިސަސް އާއިބެހޭ ބިލާއި، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު ހުށަހަޅުއްވާފައިވާ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކަރަންޓްގެ ފިއުލްޗާޖް ކަނޑައިލުމަށް އެދި ސަރުކާރަށް ގޮވާލައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ.
ހޯމަ ދުވަހުގެ ޖަލްސާގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިއުމަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ ފަރާތުން، ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ހުށަހަޅުއްވާފައިވާ ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު އުވާލުމުގެ ބިލާއި ކެނދިކުޅުދޫ ދާއިރާގެ އަހުމަދު އީސަ ހުށަހަޅުއްވާފައިވާ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލުގެ ބަހުސް ހިމެނެ އެވެ.
އޭގެ އިތުރުން މަސްވެރިންގެ ތެލުގެ ސަބްސިޑީގެ ގޮތުގައި ދިނުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިޔަން ރުފިޔާ ވަގުތުން ވަގުތަށް މަސްވެރިންނަށް ދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރާއި ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒް ހުށަހަޅުއްވާފައިވާ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ތިން ބިލެއް ތައާރަފު ކުރުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސިވިލްސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލެވެ.
މިއަހަރުގެ ބަޖެޓްގައި މަސްވެރިންނަށް ސަބްސިޑީ ދޫ ކުރުމަށް 100 މިލިޔަން ރުފިޔާ ހިމަނާފައިވީނަމަވެސް އެ ފައިސާ މިއަދާ ހަމައަށް މަސްވެރިންނަށް ދޫކޮށްފައިނުވާ ސަބަބު އޮޅުން ފިލުވުމަށް، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒާ ސުވާލު ކުރުމަށް ވެސް ހޯމަ ރުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
މިދިއަ އޯގަސްޓް ކަމުގެ 29 ގައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައިލުމަށްފަހު އެއް މަސް ދުވަހުސްގެ ޗުއްޓީއަކަށް ދިޔައީ ސަރުކާރުގެ އިގްތިސާދީ އިސްލާހުގައި ހިމެނޭ ބިލްތަކުގެ ތެރެއިން އެންމެ މުހިއްމު ބިލު ކަމަށްވާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ފާސްކޮށް ދިނުމަށްފަހުގަ އެވެ. އެ ގާނޫނުގެ ދަށުން މާދަމާއިން ފެށިގެން ޖީއެސްޓީ ނަގަން ފަށާނެ އެވެ.