01 Oct 2011, 12:22
ހުސްވި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވުރެ، މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޓީމު ނެރުނު ނަތީޖާއާ މެދު ހިތް ހަމަޖެހޭ ކަމަށް އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނެފިއެވެ.
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ އީގަލްސް ބަލިވި މެޗަށް ފަހު ކޯޗް ނިމާ ބުނީ، މެޗުން ބަލިވެ އަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލަން ޖެހުނު ނަމަވެސް، މިފަހަރުގެ ސީޒަނަކީ ހުސްވި އަހަރަށް ވުރެ ޓީމަށް ކާމިޔާބު ސީޒަނެއް ކަމަށެވެ. ނިއުގެ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އަށް ދެއްކި ރަތްކާޑާ ގުޅިގެން ދިހަ މީހުންނާ އެކު ކުޅުނު މިމެޗުން އީގަލްސް ބަލިވީ 2-1 ލަނޑުން ނެވެ.
ހުސްވި ހަތަރު އަހަރަށްފަހު، މިއަހަރުގެ ފުރަތަމަ ޑިވިޒަނަށް އަލަށް އެރި އީގަލްސްއިން މިފަހަރުގެ ސީޒަން ނިންމާލި އިރު، އެޓީމް އޮތީ ފަސް ވަނައިގަ އެވެ. ރާއްޖޭގައި ކުޅޭ އެންމެ ބޮޑު ލީގު، ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނާގައި އޮތްއިރު، ދެ ވަނަ ބުރުގައި އީގަލްސް އޮތީ، 10 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނާގައެވެ. އަދި ފަސް ވަނައިގައި އޮވެ، ލީގުގެ ތިން ވަނަ ބުރު އީގަލްސް އިން ނިންމާލީ 33 ޕޮއިންޓާއެކުގައެވެ.
ނިމާ ބުނީ، ސީޒަން ނިންމާލަން ޖެހުނު ކަމުގައި ވިޔަސް، އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި ނިއު އާ ދެކޮޅަށް އީގަލްސްގެ ކުޅުން ތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި އެފްއޭކަޕަށް ޓީމް ނުކުތްއިރު، ސީޒަންގެ ކުރީ ކޮޅަށް ވުރެ، ޓީމް ބަލިކަށިވި ނަމަވެސް، ނިއު ކަހަލަ މޮޅު ޓީމަކާ ދެކޮޅަށް ކުޅެ ކުޑަ ތަފާތަކުން ބަލިވުމަކީ ވެސް ޓީމަށް ލިބުނު ހިތްވަރަކަށް ވީއިރު، އަންނަ ސީޒަނަށް ޓީމް ނުކުންނާނީ އިތުރު ހިތްވަރަކާއެކު ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި އީގަލްސް ކޮޅަށް ލަނޑުޖަހާ ނިއު އިން ލީޑް ނެގީ މެޗްގެ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) އެވެ. އެ ޕެނަލްޓީއަކީ ނިއުގެ ޗާލްސްއަށް އީގަލްސްގެ ގޯލްކީޕަރު ތޮލާލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެކަމަކު ރެފްރީ އަހުމަދު އަފްސަހް ނިންމީ އެފައުލަކީ ރީދޫ ކާޑުން ނިންމާލެވޭ ވަރުގެ ފައުލެއް ކަމަށެވެ.
އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ނިއުން ވަނީ ގޯލެއް ކާމިޔާބު ކޮށް ނަތީޖާ 2-0 ލަނޑަށް ބަދަލުކޮށްލައި މެޗް ލީޑް ފުޅާ ކޮށްފައެވެ. ނިއުއަށް ލީޑް ފުޅާކޮށްދިން ލަނދު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަބްދުﷲ (ލިލީ) އެވެ. މެޗްގައި އީގަލްސް އިން ޖެހި އެޓީމްގެ ހަމައެކަނީ ލަނޑުޖެހީ މެޗްގެ އިތުރު ވަގުތުގެ ތެރޭގައި މުސްތަފާއެވެ. އެލަނޑު އޭނާ އީގަލްސްއަށް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކިންނެވެ.
އީގަލްސްއާ ބައްދަލުކޮށް އެފްއޭކަޕްގެ ފުރަތަމަ މެޗް ނިއުން ކާމިޔާބު ކުރުމުން އެޓީމް ވަނީ ސެމީ އަށް ދަތުރު ކޮށްފައެވެ. އެގޮތުން އަންނަ މަހު 26 ވަނަ ދުވަހު ސެމީގައި ނިއު ވާދަކުރަން ޖެހޭނީ އޮޓޮމެޓިކުން ސެމީން ޖާގަ ހޯދި ވީބީ ސްޕޯޓްސްއާ އެވެ. ވީބީ މެޗެއް ނުކުޅެ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލުގައި އެ ޓީމާ ވާދަކުރަން ޖެހޭ ވިޔަންސާ މުބާރާތުން ވަކިވުމުންނެވެ.
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ 9:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ވެލެންސިއާ އާއި މާޒިޔާއެވެ.