01 Oct 2011, 12:09
ޔޫތު ޗެލެންޖް ފެއާ ހދ. ކުޅުދުއްފުށީގައި އިއްޔެ ފަށައިފި އެވެ.
ކުޅުދުއްފުށީ ޖަލާލުއްދީނު ސްކޫލްގައި ދެ ދުވަހަށް ކުރިޔަށް ގެންދާ ފެއާގައި ޓޫރިޒަމަށް ހާއްސަކޮށްފައިވާ “ފަނާރު” އާއި ޒުވާނުންނަށް ހާއްސަކޮށްފައިވާ “ކިއްސަރު” ގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަނާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި، ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކުގެ ސްޓޯލްތައް ބައިވެރި ކޮށްފައި ވެ އެވެ.
ފެއާ ކުޅުދުއްފުށީގައި މިރޭ 10:30 އާ ހަމައަށް ކުރިޔަށް ދާނެ އެވެ.
"ފެއާއަށް ކުޅުދުއްފުށިން ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަނީ. އިއްޔެ އަޅުގަނޑުމެން ފެއާ ހުޅުވާލާފައި އޮތީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ނަމަވެސް މިއަދު މިވަނީ އަތޮޅުގެ އެހެނިހެން ރަށްރަށުން އަންނަ ފަރާތްތަކަށް ފެއާ ހުޅުވާލާފައި" ފެއާ އިންތިޒާމްކުރާ ޑެއިޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވާހަކަ ދެއްކެވި އިސް ބޭފުޅަކު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި މިފެއާ މި އަހަރުގެ ތެރޭގައި ހަތަރު ރަށެއްގައި ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ. ހއ. ދިއްދޫ އާއި ފ. މަގޫދޫ އާއި ގއ. ކޮލަމާފުއްޓާއި އަދި ގދ. ތިނަދޫ އެވެ. މީގެ އިތުރުން އަންނަ އަހަރު ނުވަ ރަށެއްގައި ޔޫތު ޗެލެންޖް ބާއްވާނެ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
ޔޫތު ޗެލެންޖަކީ 1999 ވަނަ އަހަރުން ފެށިގެން ޔޫތް މިނިސްޓްރީން ބާއްވަމުން އަންނަ ފެއާއެކު މި ފެއާ އަތޮޅުތަކުގައި ބާއްވަން ފެށީ މިއަހަރު އެވެ.