09 Dec 2018, 11:55
ވައިގެ ދަތުރުފަތުރުގެ މާކެޓުގައި އެމެރިކާ ވައްޓާލުމަށް ފަހު މާކެޓުގެ އެންމެ ކުރިއަށް އަރަން ޗައިނާ އިން މަސައްކަތް ފަށައިފި އެވެ.
އެގައުމުގެ އަމާޒަކީ 2022 އަންނަންވާއިރަށް މާކެޓުގެ އެންމެ އުހުގައި ހަމަޖެހުލުމެވެ. މި އަމާޒަށް ވާސިލުވުމަށް ޗައިނާ އިން ދަނީ އެގައުމުގެ އެއާޕޯޓުތައް ތަރައްގީކުރުމަށް ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.
ޗައިނާ ސަރުކާރުން ނިންމާފައި ވަނީ 2020 އަންނަންވައިރަށް އެގައުމުގެބޮޑު 74 އެއާޕޯޓެއް ބޮޑުކޮށް، ތަރައްގީ ކުރުމަށެވެ. އަހަރަކު 720 ފަސިިންޖަރުންނަށް މި އެއާޕޯޓުތަކުން ހިދުމަތް ދިނުމަށް އަމާޒު ހިފާފައިވާ އިރު ބެއިޖިންގެ ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއަކީ އެގައުމުގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ބެއިޖިން ގައި މިހާރު ބޭނުން ކުރާ މައި އެއާޕޯޓަކީ ދުނިޔޭގައި ދެ ވަނަ އަށް އެންމެ ބިޒީ އެއާޕޯޓެވެ. މި އެއާޕޯޓުން މިހާރު ފުލް ކެޕޭސިޓީގައި ހިދުމަތް ދެމުންދާއިރު އިތުރު އެއާލައިންތަކަށް ހިދުމަތް ދޭނެ ޖާގައެއް އެއާޕޯޓުގައި ނެތެވެ.

ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް
ޑެކްސިން އެއާޕޯޓަކީ މި ގޮންޖެހުމުން އަރައިގަތުމަށް 97 ފުޓްބޯޅަ ދަނޑުގެ ބޮޑުމިނުގެ ސަރަހައްދެއްގައި ތަރައްގީކުރަމުންދާ އެއާޕޯޓެކެވެ. މިއީ އެއާޕޯޓު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި އެއަޕޯޓުގެ ބޮޑުމިނެވެ. ކުުރިއަށް އޮތްތަނުގައި އެއާޕޯޓު މިއަށްވުރެ ބޮޑުވާނެއެވެ. ޗައިނާގެ އަމާޒަކީ 2025ގެ ނިޔަލަށް 72 މިލިއަން ފަސިންޖަރުންނަށް ހަމައެކަނި މިއެއާޕޯޓުން ހިދުމަތް ދިނުމެވެ.

ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް
ޑެކްސިން އެއާޕޯޓުގައި ހަތް ރަންވޭ ތަރައްގީ ކުރާނެއެވެ. ދެހާސް ސާދާގައި މަސައްކަތް ފެށި މި ޕްރޮޖެކްޓުގެ އަގަކީ 11.5 ބިލިއަން ދޮލަރެވެ. ޕްރޮޖެކްޓުގެ މަސައްކަތުގައި 40،000 މީހުން ހަރަކާތްތެރިވެ އެވެ.