ސްވިޑްންގެ މަލްޓިނޭޝަނަލް ފަރުނީޗަރު ކުންފުނި، އިކިއާއިން ބޮޑެތި ސިޓީތަކުގައި ބޮޑެތި ފިހާރަ ހިންގުމުގެ ކޮންސެޕްޓު ދޫކޮށްލައި، ބޮޑެތި ސިޓީތަކަށް ކުދި ފިހާރަތައް ގެނައުމުގެ ކޮންސެޕްޓެއް ފަށައިފިއެވެ.

އިކިއާއިން އެމީހުންގެ ފިހާރަތަކުގެ ސައިޒް ކުޑަކޮށްފައިވަނީ އޮންލައިން ވިޔަފާރި ފުޅާކޮށް ކަސްޓަމަރުންނަށް ހެޔޮއަގެއްގައި މުދާ ގަނެވޭނެ ގޮތެއް ހެދުމަށެވެ. އެގޮތުން ނިއުޔޯކުގެ މެންހެޓަންގައި ހިންގަމުންދިޔަ 300،000 ސްކޮޔާފޫޓްގެ ފިހާރަ މިހާރު ވަނީ 17،000 ސްކޮޔާ ފޫޓުގެ ފިހާރައަކަށް ބަދަލުކޮށްފައެވެ.

އިކިއާއިން ބުނެފައިވަނީ މި ބަދަލާއެކު އެކުންފުނީގެ 75،000 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށެވެ. މިއީ ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ ފަސް ޕަސެންޓެވެ. ދެން އޮތް ޕްލޭނަކީ މުހިއްމު ބޮޑެތި ސިޓީތަކުގައި 30 ކުދި ފިހާރަ ހުޅުވުން ކަމަށްވެސް ބުނެފައިވެއެވެ.

އިކިއާއިން ބުނެފައިވަނީ ރީޓެއިލް ވިޔަފާރީގެ ކޮންސެޕްޓަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އޮންލައިން ވިޔަފާރިއަކީ މިހާރުގެ ޓްރެންޑު ކަމަށާއި އެ މަގުން ހިނގަން ޖެހިފައިވާ ކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.