01 Oct 2011, 11:34
ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ ރައީސް އަހުމަދު ނަޖާހު އިބުރާހިމް (އެންޑީ) ކައުންސިލުގެ ރައީސް ކަމުން ވަކިކޮށް، އެކަމަށް ނެރުނު ގަރާރާމެދު އަތޮޅު ކައުންސިލުން ޝައްކު އުފެއްދުމުން އަލުން އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި ދެ ވަނަ ފަހަރަށް ވެސް ރައީސްކަމުގެ މަގާމުން ވަކިކޮށްފި އެވެ.
ޑީއާރްޕީގެ ތިން މެންބަރުން ތިއްބަވާ ކައުންސިލުން ނަޖާހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގީ ރޭގަ އެވެ. އެ ވޯޓުގައި ނަޖާހުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވެވީ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ އަނެއް ދެ މެންބަރުން ކަމަށްވާ މުހައްމަދު ފާރިޝް އާއި ހުސެއިން އިހުސާނެވެ.
~
ގަރާރެއް ނެރެ، މަގާމުން ދުރުކޮށްފައިވާތީ އެކަމާ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރިން ވިދާޅުވެފައި ވަނިކޮށް އަނެއްކާ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ދެ ވަނަ ފަހަރަށް މަގާމުން ދުރު ކުރުމުން، ނަޖާހު މިއަދު ވިދާޅުވީ ކައުންސިލްގެ ރައީސްގެ މަގާމުން އޭނާ ވަކިވެއްޖެކަމަށް މިހާރު ގަބޫލު ކުރައްވާކަމަށެވެ. އަދި ވިދާޅުވީ އޭނާއާ ދެކޮޅަށް ވޯޓު ނަގައި މަގާމުން ވަކި ކުރީ ކައުންސިލުގެ އަނެއް ދެމެންބަރުން ޕީޕީއެމް އަށް ސަޕޯޓު ކުރައްވާތީ ކަމަށެވެ.
ކައުންސިލުގެ ނައިބު ރައީސް އިހުސާން ވިދާޅުވީ ނަޖާހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އަލުން ރައީސް ކަމުގެ މަގާމުން ދުރުކުރީ، ނަޖާހު ރައީސް ކަމުން ވަކި ކުރުމަށް ކުރިން ނެރުނު ޤަރާރު، ނެރުމުގައި އިދާރީ ބައެއް ކަންކަން ފުރިހަމަ ނުވާކަމަށް ބުނެ، އެ މައްސަލަ މުރާޖައާ ކުރުމަށް އަތޮޅު ކައުންސިލުން އެ ކައުންސިލަށް އަންގާފައިވާތީ ކަމަށެވެ.
"ކުރިން އަޅުގަނޑުމެން ނެރުނު ގަރާރު ނެރުމުގައި އިދާރީ ބައެއްކަންކަން ފުރިހަމަ ނުވާކަމަށް ބުނެ އަލުން މުރާޖާ ކުރުމަށް އަތޮޅު ކައުންސިލުން އަންގާފައިވާތީ ރޭ ބޭއްވި ކުއްލި ޖަލްސާއެއްގައި ނަޖާހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގީ،" އިހުސާން ވިދާޅުވިއެވެ.
ދަޑިމަގު ކައުންސިލުން ބުނީ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާ ކުރައްވާނެކަމަށެވެ.