10:00


އަހަރީ ރިޕޯޓް ހުށަނާޅައިގެން އުވާލުމަށް އިޢުލާނު ކުރި 185 ޖަމިއްޔާގެ ލިސްޓުގައި އެތްލެޓިކްސް އެސޯސިއޭޝަން ހިމެނިފައިވަނީ އޮޅިގެން ކަމަށް އިޢުލާން ކުރުމަށްފަހު، އަނެއްކާވެސް 13 ޖަމިއްޔާ އެއް އުވާލަން ހަމަޖެހިފައިވާ ކަމަށް އިއުލާންކޮށްފައިވަނީ އޮޅުމަކުން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.


ސަރުކާރުގެ ގެޒެޓްގައި ސާއިޢުކޮށްފައިވާ ހޯމް މިނިސްޓްރީގެ އިޢުލާނެއްގައި ބުނެފައިވަނީ ކުރިން އެ މިނިސްޓްރީން އުވާލުމަށް ހަމަޖައްސާފައިވާ ޖަމިއްޔާތައް ކަމަށް އިޢުލާންކޮށްފައިވާ 185 ޖަމިއްޔާގެ ތެރެއިން މިދަންނަވާ ޖަމިއްޔާތަށް އުވާލުމަށް ހަމަޖެހިފައިވާ ވަނީ އޮޅުމަކުން ކަމަށާއި އެކުށަށް އެމިނިސްޓްރީން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.


އެގޮތުން އުވާލުމަށް، އޮޅިގެން އިޢުލާންކުރެވިފައިވާ ކަމަށް ފަހުން ހޯމް މިނިސްޓްރީން އިޢުލާންކޮށްފައިވާ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ ތުޅާދޫ ސިލްވަރ ސައިން ކްލަބާއި، އެސޯސިއޭޝަން ފޮރ ދާންދޫ ޑިވެލޮޕްމަންޓާއި، ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއާއި، ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާއާއި، އެތްލެޓިކް އެސޯޝިއޭޝަންގެ އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އެންޖީއޯ ފެޑެރޭޝަނާއި، ފ.މަގޫދޫ ޒުވާނުންގެ ކްލަބާއި، މ. ކޮޅުފުށީ އެކުވެރި ކްލަބާއި، ނޭޝަނަލް ވިމެންސް ޑެވެލޮޕްމަންޓް ސޮސައިޓީއާއި، ކްލަބް އީގަލްސާއި، ކިނބިދޫ ޒުވާނުންގެ ދިރުމާއި، ނައިވާދޫ ޒުވާނުންގެ ޖަމިއްޔާ އަދި ނަރުދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ އެވެ.


މީގެތެރެއިން އެތްލެޓިކް އެސޯޝިއޭޝަންގެ އޮފް މޯލްޑިވްސްގެ ނަން އިޢުލާންކޮށްފައިވަނީ އޮޅުމަކުންކަން އަންގާ މީގެކުރިންވެސް ވަނީ އެކަމަށް މައާފަށް އެދި ހޯމް މިނިސްޓްރީން އެ އެސޯސިއޭޝަނަށް ސިޓީއެއް ފޮނުވާފަ އެވެ.