08 Dec 2018, 19:58
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، 2003 ވަނަ އަހަރު އުފެއްދުމުގައި އިސްކޮށް އުޅުއްވި އަހްމަދު ޝަފީގު އިބްރާހިމް މޫސާ (ޑީއޯ ސައްޕެ) ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާއަށް ކުރިމަތިލުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ނިންމައިފި އެވެ.
ޑިއޯ ސައްޕެ "ސަން" އަށް މިރޭ ވިދާޅުވީ، އޭނާ އެ ދާއިރާއަށް ކުރިމަތިލުމަށް ނިންމީ ބޮޑު ޗެލެންޖަކާ އެކު، ދާއިރާގެ ރައްޔިތުން "އަޅުވެތިކަމުން ސަލާމަތްކޮށް" މަޖިލީހަށް ތައުލީމީ ގާބިލު ބޭފުޅުން ކުރިމަތިލައްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
މާމިގިލީ ދައިރާގެ މަޖިލީސް ގޮނޑި މިހާރު ފުރުއްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.
ގާސިމް ވަނީ މާގިގިލީ ދާއިރާ ވަކި ދާއިރާއެއްގެ ގޮތުގައި ހަމަޖެއްސި ފަހުން، މިހިނގާ ދައުރާ އެކު، ދެ ދައުރު އެ ދާއިރާގެ މެމްބަރުކަން ކުރައްވައިފި އެވެ.
މުއުތަބަރުކޮށް އެނގޭ ގޮތުގައި ތިން ވަނަ ދައުރަކަށް ގާސިމް އެ ދާއިރާ އަށް ކުރިމަތި ލައްވާނެ އެވެ.
I have decided to contest for the Maldives Parliament. I will stand for the Maamigili constituency in the upcoming elections. I will be seeking for selection in the MDP primary process.
— Ahmed Moosa (@asimoosa)December 8, 2018
ރައީސް ނަޝީދުގެ ސަރުކާރުގައި އެ މަނިކުފާނުގެ ހާއްސަ މަންދޫބެއްގެ މަގާމު ފުރުއްވި ސައްޕެ ވިދާޅުވީ، މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި އެއްވެސް ހާލެއްގައި މަޖިލީހުގެ ގޮނޑިތަކަކީ އެއްވެސް މީހެއްގެ "ތަރިކަ މުދަލެއް" ނޫން ކަމަށެވެ. ދާއީރާގެ ރައްޔިތުން ތިބެން ޖެހެނީ ވަކި މީހަކަށް ބަރޯސާވެގެން ކަމަށާއި އެއީ މަމިގިލި އޮންނަން ޖެހޭ ހިސާބެއް ނޫން ކަމަށެވެ.
"ވަޒީފާއެއް ހޯދަން ޖެހުނަސް، ވިޔަފާރި ކުރަން ޖެހުނަސް ރައްޔިތުން ތިބެން ޖެހެނީ ވަކި މީހަކަށް ބަރޯސާވެގެން. އެއީ މާމިގިލި އޮންނަން ޖެހޭ ހިސާބެއް ނޫން. ރައްޔިތުން ތިބެނީ ވަރަށް މާޔޫސްވެފައި." ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ސިޔާސަތުތަކަށް ފާޑު ކިޔާ ހަބަރު ގެނެސްދިން ދިވެހި އޮބްސާވާ ވެސް އުފެއްދެވި، ޑީއޯ ސައްޕެ ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ކައުންސިލްގައި ވެސް ހިމެނިވާޑައިގެންނެވި ސައްްޕެ ވިދާޅުވީ، އޭނާ ނުކުންނަވާނީ ރައްޔިތުންނަށް ތަފާތު ދައްކަން ކަމަށެވެ. ތަފާތު ދެއްކޭނީ އިންތިހާބުން ދާއިރާގެ ރައްޔިން ބޭނުންވާ ނަތީއްޖާ ނެރެގެން ކަމަށް ސައްޕެ ވިދާޅުވި އެވެ.
"ނިމިގެންދާ މަޖިލީހުގެ މެމްބަރުންގެ ކަންތައްތައް ދިޔަ ދޯދިޔާ ކަމުން، ކިޔަވައިގެން ތިބި ގާބިލު ބޭފުޅުން އެބަ ބޭނުންވޭ މަޖިލީހަށް އަންނަން. މަޖިލީހަކީ އެތާގައި ތައުލީމީ ތަޖުރިބާ ހުރި ގާބިލު ބޭފުޅުން އިންތިހާބު ކުރަން ޖެހޭ ތަނެއް،" ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވާ ސައްޕެ ވިދާޅުވި އެވެ.