08 Dec 2018, 12:47
ޗައިނާގެ ކުންފުނި ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޖޯ ކެނެޑާއިން ހައްޔަރު ކުރުމަކީ ސިޔާސީ ކަމެއް ނޫންކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްތިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.
ޓްރޫޑޯ ވިދާޅުވީ މެންގް ވަންޖޯ ހައްޔަރު ކުރުމާ، ކެނެޑާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. މެންގް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ވެންކޫވާއިންނެވެ.
ވާވޭގެ ސީއެފްއޯ ވަގުތުން ދޫކޮށްލުމަށް ޗައިނާ އިން ވަނީ ގޮވާލައިފަ އެވެ. މެންގް ހައްޔަރު ކުރީ ކީއްވެގެންކަން އާންމުކޮށްފައި ނުވާތީ ވެސް ޗައިނާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް މެންގް ހައްޔަރުކޮށްފައި ވަނީ އީރާނާ އެކު ވިޔަފާރިކޮށްގެންކަމަށް އިއްޔެ ކޯޓުގައި ވަނީ ބުނެފައެވެ. ކެނެޑާގެ ސަރުކާރުގެ ވަކީލުން ބުނެފައި ވަނީ ކަފާލާތުގެ ދަށުން ވެސް މެންގް ދޫކޮށްލަން އެއްބަސް ނުވެވޭނެ ކަމަށެވެ.
ޗައިނާގެ އެންމެ ބޮޑު އެއްކުންފުނީގެ ސީއެފްއޯ އަދި އެ ކުންފުނީގެ ވެރިޔާގެ ދަރިފުޅު އެމެރިކާ އިން އިސްވެއޮވެ ހައްޔަރުކޮށްފައި ވަނީ ޗައިނާ އާއި އެމެރިކާ އާ ދެމެދު ގުޅުން ގޯސްވެފައިވަނިކޮށެވެ. މީގެ އިތުރުން ވާވޭގެ އުފެއްދުންތައް ބޭނުން ކުރުން އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ހުއްޓާލާ، އެ ކުންފުނީގެ އުފެއްދުންތައް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި ބޭނުންކުރުން ހުއްޓާލަން މަސައްކަތް ކުރަމުންދަނިކޮށެވެ.
ވާވޭ އިން ވަނީ އެމެރިކާގެ އެޕަލް ވައްޓަލާ ސްމާޓް ފޯނުގެ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ކުންފުނީގެ މަގާމު ހޯދައިފަ އެވެ. ވާވޭ އިން އެންމެ ފުރަތަމަ ވިއްކަން ފެށީ އަގުހެޔޮ ފޯނުތަކެއް ނަމަވެސް އެކުންފުނިން މިހާރުދަނީ ބާރިގަދަ މޮޅު ފޯނު ބާޒާރަށް ނެރެމުންނެވެ.