ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމެރީގައި ވާދަ ކުރުމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރަން ވަނީ ނިންމައިފަ އެވެ. އެ ދާއިރާތަކަށް ޕާޓީން ވާދަ ކުރާ މީހުން ކަށަވަރު ކުރުމަށް ބާއްވާ ޕާޓީ ޕްރައިމެރީއަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ޕްރައިމަރީގައި ވާދަކުރުމަށް އެޕްލިކޭޝަން ފޯމު ހުށައަޅާއިރު ތާއީދުފޯމްގައި ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާއަށް ވޯޓުލުން ހައްގުވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.

ޕްރައިމެރީގައި ވޯޓު ލެވޭނީ ޕާޓީގައި އިއްޔެއާ ހަމައަށް ރެޖިސްޓްރީ ކުރި މީހުންނަށެވެ. ޕްރައިމެރީގައި ވާދަ ކުރަން ނިންމާފައިވާ ފަރާތްތަކުން ޕާޓީއަށް އަލަށް ވައްދާ މެމްބަރުންގެ ފޯމުތައް ރޭ 11 ގެ ކުރިން ވަނީ ޕާޓީ އޮފީހަށް ހުށަޅައިފަ އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމެރީގައި ވޯޓުލުން ބާއްވަން އިއުލާނުކޮށްފައި ވަނީ ޖެނުއަރީ 18 ގަ އެވެ.

އެމްޑީޕީން 87 ދާއިރާއަށް ވާދަކުރަން ނިންމާފައިވާ އިރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީ ތަކުން އަދި މަޖިލިސް އިންތިހާބާ ބެހޭގޮތުން މާ ބޮޑު ނިންމުމެއް ނުނިންމަ އެވެ.

އަދާލަތު ޕާޓީން ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި ކޯލިޝަނުން ވާދަ ކުރަން އެއްބަސްވެފައިވާ ކަމަށެވެ. އެހެންވީމަ އެ ޕާޓީން ވާދަ ކުރާނީ ކޯލިޝަން އެގްރިމެންޓްގައިވާ ގޮތަށް 13 ދާއިރާއަށް ކަމަށް ވެސް އަދާލަތުން ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަނުން ބުނެފައި ވަނީ ފެށޭ އަހަރު މާޗު މަހު ތެރޭގަ އެވެ.