08 Dec 2018, 12:24
އއ. އުކުޅަހުގެ ހުރިހާ މުވަައްސަސާތަކަކުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ ގަރާރެއްގައި ސޮއިކޮށްފި އެވެ.
އެރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ މިއަދު ރާއްޖޭގައި ފެށި "ސާފު ރާއްޖެ، އަހަރެންގެ" ޒިންމާ ޕްރޮގްރާމާ ގުޅުވައިގެން އުކުޅަހުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި ރަށުގެ ކްލަބް ޖަމްއިއްޔާ ތައް އަދި ކުންފުނިތަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ. ކައުންސިލްގެ ފަރާތުން މިއަދު ވަނީ މި މުވައްސަސާތަކަށް ބިއްލޫރި ފުޅި އަދި ފިލްޓަރިން ސިސްޓަމް ވެސް ހަދިޔާކޮށްފަ އެވެ.
ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ވެސް ކުރަމުންދާ އުކުޅަހުގެ ގިނަ ގެސްޓް ހައުސްތަކަކުން ވަނީ މިހާރު ޕްލާސްޓިކް ފުޅި ދޫކޮށްލައި، ބިއްލޫރިި ފުޅިއަށް ބަދަލުކޮށްފަ އެވެ.

ސާފު ރާއްޖެ އަހަރެންގެ ޒިންމާ ކެމްޕެއިނުގެ ދަށުން އުކުޅަހު ގޮނޑުދޮށް ސާފުކުރަނީ -- ފޮޓޯ: ކައުންސިލް
"އަދިވެސް ބައެއް ގެސްޓްހައުސްތަކުން ޕެޓް ފުޅި ބޭނުން ކުރޭ. މިހާރު ކައުންސިލުގެ ފަރާތުން އެ ގެސްޓު ހައުސްތަކާ ވާހަކަ ދައްކައިގެން މި މަސައްކަތް ކުރަނީ މި މަހުގެ ނިޔަލަށް އެތަންތަނުންވެސް ޕްލާސްތިކް ފުޅި ބެނުން ކުރުން ހުއްޓާލާތޯ،" ޝައުކަތު ވިދާޅުވި އެވެ.
އުކުޅަހުން ވަނީ މީގެ ދެއަހަރު ކުރިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުމަށް ވެސް ކެމްޕެއިނެއް ފަށައިފަ އެވެ. މި ކެމްޕެއިނުގެ ދަށުން ރަށުގެ ގޭގެއަށް ފޮތި ކޮތަޅު ހަދިޔާ ކޮށްފައިވާއިރު، ފިހާރަތަކުން އަދިވެސް ކޮންމެވެސް ވަރަކަށް ޕްލށްޓިކް ކޮތަޅު ބޭނުން ކުރާތީ، ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މުޅިން ހުއްޓަނުލެވޭ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
"ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެ ގޯލް އަދި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމުގެ ގޯލް އަހަރު ނިޔަލަށް ހާސިލް ކުރުން އަޅުގަނޑުމެންގެ ޓާގެޓަކީ،" ޝައުކަތު ވިދާޅުވީ އަމާޒަކީ ރާއްޖެއިން ފުރަތަމަ ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލާ ރަށަށް އުކުޅަސް ހެދުން ކަމަށެވެ.