ވޮޝިންގޓަން (އޮކްޓޯބަރ 1): ޔަމަންގެ ސިފައިންގެ ދިން ޙަމަލާތަކެއްގައި އަލްޤާޢިދާގެ އިސްކޮމާންޑަރެއް ކަމަށްވާ އަންވަރުލްޢުޤޫލީ އަވާރާކޮށްލުމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެކަމާމެދު އުފާކުރައްވައި މަރްޙަބާ ވިދާޅުވެއްޖެވެ. އޮބާމާ ވިދާޅުވީ އަލްޢުޤޫލީ އަވަހާރަ ކޮށްލުމަކީ ތައްރީފް ޙައްޤު މަސައްކަތެއް ކަމަށާއި މިއީ އެެމެރިކާގެ ޖާސޫސީ އިދާރާގެ ޤާބިލްކަން ހާމަކޮށްދޭ ކަމެއް ކަމުގައެވެ.

ޔަމަންގެ ރައްޔިތެއް ކަމަށްވާ އަލްޢުޤޫލީއަކީ އިސްލާމް ދީން ފެތުރުމަށް މަސައްކަތްކުރާ ދާޢިޔާ އެއްކަމަށް ޔަމަންގައި މަޝްހޫރު ވެފައިވެއެވެ. އޭނާއަކީ އިސްލާމީ ތަޢްލީމް ޙާސިލްކުރައްވައިގެން ހުންނެވި ދީނީ ޢިލްމުވެރިއެކެވެ. ނަމަވެސް އެމެރިކާއިން އޭނާ ސިފަކުރަނީ ޢަރަބި ޖަޒީރާ ސަރަޙައްދުގައި ޙަރަކާތްތެރިވާ އަލްޖަޒީރާގެ ކޮމާންޑަރުގެ ގޮތުގައެވެ. އޭނާ އަވަހާރަކޮށްލި ކަމަށް ޔަމަނުން ބުނިނަމަވެސް އެކަންކުރިގޮތް ހާމަކޮށްފައެއް ނުވެއެވެ.

ނުރަސްމީ ރިޕޯޓްތައް ބުނާގޮތުން އަލްޢުޤޫލީ އަވަހާރަވީ ޔަމަންގައި އަލްޤާޢިދާގެ ހަނގުރާމަވެރިން ޙަރަކާތްތެރިވާ ސަރަޙައްދުތަކަށް އެމެރިކާގެ ޖާސޫސީ އެހީއާއެކު ޔަމަންގެ ވައިގެ ސިފައިން ދިން ޙަމަލާތަކެއްގައެވެ. އޭނާ އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް ބަދަލުހިފުމުގެ އަޑުއުފުއްލަވަމުން ގެންދެވި ބޭފުޅެކެވެ. އަލްޤާޢިދާގެ ހަނގުރާމަވެރިންނަށް ތަމްރީން ދިނުމުގައި އަލްޢުޤޫލީ ޙަރަކާތްތެރިވާ ކަމަށް އެމެރިކާ ތުހުމަތު ކުރިނަމަވެސް މިކަމުގެ އެއްވެސް ހެއްކެތް އެމެރިކާއަށް ދެއްކިފައެއްނުވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އެމެރިކާގެ ފޯޓްހޯޑް ޢަސްކަރީ ކޭމްޕްގައި ޢަރަބި ދަރިކޮޅުގެ އެމެރިކާ ސިފައިންގެ މީހަކު ދިން ބަޑީގެ ޙަމަލާތަކެއްގައި އެމެރިކާ ސިފައިންގެ 13 މީހުން މަރާލި ޙާދިޘާގެ އިސްރޭވުންތެރިއަކީވެސް ޢުޤޫލީކަމަށް އެމެރިކާ ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ޢުޤޫލީއާ ދެކޮޅަށް ޤާނޫނީ އެއްވެސް ހެއްކެތް އެމެރިކާއަށް ދެއްކިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުވެސް އަލްޢުޤޫލީ އަވަހާރަކޮށްލެވިއްޖެ ކަމަށް ޔަމަނުން ބުނުމުން އެމެރިކާ ސަރުކާރުން އެކަމަށް މަރްޙަބާ ކިޔާފައިވެއެވެ. (އަލްޖަޒީރާ)