07 Dec 2018, 19:42
ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލު ކުރައްވައިފިއެވެ.
ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުއާ ބައްދަލުކުރެއްވީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ކަމަށެވެ.
"ގިނަ ދުވަސްތަކަކަށްފަހު މިއަދު އަދީބާ ބައްދަލުވެއްޖެ. އަދީބާ ބައްދަލުކުރީ ލޯންޗު ގޮއްވާލި ހާދިސާގައި އަޅުގަނޑު މަރާލަން އުޅުނީ ކާކުތޯ ބެލުމަށް. އަދީބުގެ ޖަވާބު ވަރަށް ރީޒަނަބްލް،" ޝައިނީގެ ޓްވީޓުގައި ވެއެވެ.
After a long time I just met@Ahmed_Adeebto clarify who tried killing me in the launch blast. His version is very plausible.
— Mohamed Shainee (@mshainee)December 7, 2018
ރައީސް ޔާމީންގެ ސަރުކާރުގައި އަދީބުގެ ބާރު އޮތް ދުވަސްވަރު ޝައިނީ އާއި އަދީބަކީ ގާތް ދެބޭފުޅުންނެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާއި ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގައި އަދީބުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު ސަރުކާރުގައި އަދީބާއެކު ގާތް ގުޅުން ބޭއްވި ބޭފުޅުން ވަނީ އަދީބާ ފެޔަށް ޖެހިވަޑައިގެން މަގާމު ދިފާއު ކުރައްވައިފައެވެ.
އަދީބުއާ ޝައިނީ ބައްދަލުކުރެއްވި އިރު ޝައިނީއަށް ވަނީ އަންނަ އަހަރު ބާއްވާ މަޖިލީސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގެންފައެވެ.
ގިނަ ތުހުމަތުތަކެއްގައި ޖަލުގައި އޮންނެވި އަދީބުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިހާރު ހުންނެވީ ގޭބަންދުގައެވެ.