01 Oct 2011, 09:18
ރާމަﷲ (އޮކްޓޯބަރ 1) : މެދުއިރުމަތީގެ ސުލްޙައިގެ ހަތަރު ފަރާތުގެ ކޮމިޓީގެ މަންދޫބު ކަމުގެ މަޤާމުގައި ހުންނެވި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އަކީ އިސްރާއީލުގެ ގޮނޑިކޮށްކޮއެއް ކަމަށްބުނެ އޭނާއާ މުޢާމަލާތް ނުކުރުމަށް ފަލަސްތީނުގެ ޒާތީ އިދާރާއިން ނިންމައިފިއެވެ.
ފަލަސްތީނުގެ ޒާތީ އިދާރާއިން މިގޮތަށް ނިންމީ ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސްގެ ވެރިކަމުގެ ދަށުގައި އިއްޔެ ރާމަﷲ ބޭއްވި ޕީ.އެލް.އޯ. ގެ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމަށްފަހު ފަލަސްތީނުގެ މަސްއޫލުވެރިއަކު ވިދާޅުވީ ބްލެއަރ އަކީ އިސްރާއީލުކޮޅަށްޖެހި ހުސްވެފައިވާ ބޭފުޅެއްކަން ޔަގީންވުމުން އޭނާއާ އިސްތިޤްބާލް ނުކުރުމަށާއި އަދި މުޢާމަލާތްވެސް ނުކުރުމަށް ފަލަސްތީނުގެ ލީޑަރޝިޕްގެ އިއްތިފާޤުން ނިންމާފައިވާ ކަމުގައެވެ. ފަލަސްތީނުން ބްލެއަރ ބޮއިކަޓް ކޮށްފިނަމަ އޭނާއަކީ ބޭނުން ނުހިފޭ މީހަކަށްވެ އޭނާގެ މަޤާމް ގެއްލޭނެކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއެވެ.
ފަލަސްތީނުގައި ބްލެއަރގެ އިތުބާރު ގެއްލި އިސްރާއީލުގެ އެޖެންޓެއްގެ ގޮތުގައި އޭނާ ސިފަވެގެންދިޔައީ ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ދިނުމާ ދެކޮޅަށް ޔޫރަޕްގައި ބްލެއަރ ފާޅުގައި ކޭންޕޭން ކުރައްވަން ފެއްޓެވުމުންނެވެ. ފަލަސްތީނުގެ ޙައްޤުތަކާ މިހާ އިދިކޮޅު އަދި އިސްރާއީލުގެ ކޮޅަށްޖެހިހުސްވެފައިވާ ބޭފުޅަކު މެދުއިރުމަތީގެ ސުލްޙައިގެ ހަތަރު ފަރާތުގެ ކޮމިޓީގެ މަންދޫބު ކަމުގެ މަޤާމުގައި ހުންނަވައިގެން އިންސާފުވެރިގޮތުގައި ކަންތައް ނުކުރެއްވޭނެ ކަމަށް ފަލަސްތީނުން ބުނެއެވެ.
އެެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެމެރިކާ ސިފައިން ޢިރާޤަށް އަރައިއެތަށް ލައްކަބަޔަކު މަރާފައިވާ މައްސަލާގައި އިނގިރޭސިވިލާތް ބައިވެރިވެފައިވަނީ ބްެއަރގެ ޒަޢާމަތުގައެވެ. ޢިރާޤު ހަނގުރާމައާ ގުޅިގެން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ޢިރާޤުގެ ޢާންމުން ބުޝްއާއި ބްލެއަރގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތުކޮށް އެދެބޭފުޅުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރުކުރުމަށް ގޮވާލާފައިވެއެވެ. (ރޮއިޓާސް +އަލްޖަޒީރާ)