ކުޑަ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށްލި، ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ގެ ހުކުމް ލުއި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމާ ގުޅިގެން، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އިތުރު ގާނޫނީ ސުވާލެއް އުފައްދަވައިފި އެވެ.

ހޯރަ އިއްބެ މިނިވަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމައިފަ އެވެ. އޭނާ މިނިވަން ކުރީ މިއަދު އެވެ.

ދެހާސް ސޯޅަވަނަ އަހަރު ކްލެމެންސީ ބޯޑުން ވަނީ އިއްބެގެ ޖަލު ހުކުމްގެ ތެރެއިން ތިން މަސް ފިޔަވައިި އަނެއް ބައި ލުއިކޮށްދޭން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އަރުވާފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެފައި ވަނީ، ހޯރަ އިއްބެގެ ހުކުމް މާފުކޮށްދޭން ރައީސް ނިންމެވީ ކްލެމެންސީ ބޯޑުން އިއްބެގެ ޖަލު ހުކުމަށް ލުޔެއް ދިނުމަށް ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް ކަމަށެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާ ހިސާބަށް އެ މައްސަލަ އައުމުން އެމަނިކުފާނު ނިންމެވީ، ހޯރަ އިއްބެއަށް ލުއި ނުދެއްވަން ކަމަށެވެ.

"އަޅުގަނޑުމެންނާ ހަމައަށް ތި މައްސަލަ އައި އަޅުގަނޑު ރައީސް ކަމުގައި ހުރި އިރު. އަޅުގަނޑު އޮންނާނީ އެ އެޕީލް ޑިނައި ކޮށްފަ." ޔާމީން ވިދާޅުވި އެވެ.

އާޒިމާ ވަނީ، ކުރިން ކްލެމެންސީ ބޯޑުން އެރުވި ލަފާ، ރައީސް ޔާމީން ގަބޫލުފުޅު ނުކުރައްވަން ނިންމަވާފައި ވަނިކޮށް، އެ ލަފަޔަށް އަނެއްކާވެސް ރިއާޔަތްކޮށް، ހޯރަ އިއްބެގެ އަދަބު ލުއި ކުރައްވަން ރައީސް ސޯލިހުއަށް ނިންމެވޭނެތޯ ސުވާލު އުފައްދަވާފަ އެވެ.

"އޭރު އޭތި ރިޖެކްޓް ކުރައްވާފައި އޮއްވާ، ރީއެޕްލިކޭޝަނެއް އެފަރާތުން ނަހައްދަވަނީސ،ް ނިންމަވާފައި އޮތް ނިންމެވުމެއް، އެއް ރައީސަކު ނިންމަވާފައި އޮތް ނިންމެވުމެއް، އަނެއް ރައީސަކު މި ބަދަލު ކުރެއްވީ. އެވެސް އަސްލުގައި ގާނޫނީ ގޮތުން ސުވާލު ކުރަން ޖެހޭ ކަމެއް،"

ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފު ދެވޭ ކުށެއް ނޫނެކެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދިނީ ހޯރަ އިއްބެގެ ހުކުމުގައި ބާކީ ފަސް އަހަރު އޮއްވަ އެވެ. އެކަމާ ގުޅޭ ގޮތުން އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހޯރަ އިއްބެ ބަދުއަހުލާގީ އަމަލު ހިންގި އަންހެން ކުއްޖައާ އޭނާ ވަނީ ފަހުން ކައިވެނިކޮށްފަ އެވެ. އަދި އެ ކައިވެންޏަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

ހޯރަ އިއްބެ ދޫކުރައްވަން ނިންމެވި ނިންމުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރު އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ. އޭނާ ބުނި ގޮތުގައި އިއްބެގެ މައްޗަށް ވަނީ ސިޔާސީ ދައުވާއެއްކޮށް ސިޔާސީ ހުކުމެއް އިއްވާފަ އެވެ.