މަލިކަކީ، އިދާރީ ގޮތުން އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕް ނުވަތަ ލަކްޝަދީބުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮތް ރަށެވެ. އިންޑިޔާގެ ހުޅަނގު ދެކުނު އިމަކީ މިއެވެ. މަލިކު އޮތީ އުތުރު ޢަރުޟުން ″42′16°8 (އަށް ޑިގިރީ، ސޯޅަ މިނެޓު، ސާޅީސް ދެ ސިކުންތު) އާއި އިރުމަތީ ޠޫލުން ″46′2°73 (ހަތްދިހަ ތިން ޑިގިރީ، ދެ މިނެޓު، ސާޅީސް ހަ ސިކުންތު) އާ ބައްދަލުވާ ނުކުތާގައެވެ. އިނގިރޭސީން މަލިކަށް ކިޔައި އުޅެނީ "މިނިކޯއި" (Minicoy) އެވެ.

މަލިކުގެ ދެކުނުން އެންމެ ކައިރީގައި އޮތް ހިކި ފަސްތަނަކީ ދިވެހިރާއްޖޭގެ ރަށްތަކެވެ. މަލިކާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑަކީ އަށް ޑިގިރީ ކަނޑެވެ. ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮތް ތުރާކުނާއި މަލިކާ ދެމެދު ހުރީ ގާތްގަނޑަކަށް 70 ނޯޓިކަލް މޭލެވެ. ލަކްޝަދީބު ޖަޒީރާގައި ހިމެނޭ އެހެން ރަށްތަކުގެ ތެރެއިން މަލިކާ އެންމެ ކައިރީގައި އޮތް ކަލްޕޭންޏާއި މަލިކާ ދެމެދު ހުރީ 114 ނޯޓިކަލް މޭލެވެ. ލަކްޝަދީބުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ކަވަރައްތި (ކަވަރައްދޫ) އާއި މަލިކާ ދެމެދު ހުރީ 136 ނޯޓިކަލް މޭލެވެ. މަލާބާރުގެ ޝަހަރެއް ކަމުގައިވާ ކާލީކޯޓާއި މަލިކާ ދެމެދު ހުރީ 240 ނޯޓިކަލް މޭލެވެ. އިންޑިޔާގެ ކެރެލާ ސްޓޭޓުގެ ބަނދަރުމަތީ ޝަހަރެއް ކަމުގައިވާ ކޮއްޗޭ ނުވަތަ ކޮޗިން އާއި މަލިކާ ދެމެދު ހުރީ 215 ނޯޓިކަލް މޭލެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލެ އާއި މަލިކާ ދެމެދު ހުރީ 250 ނޯޓިކަލް މޭލެވެ. މަލިކާއި އަދި ލަކްޝަދީބުގެ އެހެން ރަށްތަކަކީ ވެސް ދިވެހިރާއްޖޭގެ ރަށްތައް ހުންނަ ގޮތަށް މުރަކައިން އުފެދިފައިވާ ޖަޒީރާ ރަށްތަކެކެވެ.

ތަބީއީ ގޮތުން ބަލާއިރު މަލިކު އަތޮޅުގައި އޮތީ ދެ ރަށެވެ. އެއީ އަތޮޅުގެ ނަން އެރަށަކަށް ނިސްބަތްވާ މަލިކާއި ވިރިނގިލި މިނަން ކިޔާ ކުޑަކުޑަ ރަށަކާއެވެ. މީގެ އިތުރުން އަތޮޅުގެ ހުޅަނގު ފަރާތު ފަރުމަތީގައި ރަށްގަނޑޭ ކިޔާ ކުޑަ ހުރައެއް ވެސް އޮވެއެވެ. މަލިކަކީ ބިމުގެ ގޮތުން ބަލާއިރު، 4.4 އަކަކިލޯމީޓަރުގެ ބޮޑު ރަށެކެވެ. ރަށުގެ ދިގުމިނުގައި 10.6 ކިލޯމީޓަރު ހުންނައިރު، ރަށުގެ އެންމެ ފުޅާ ހިސާބުގައި ހުންނަނީ ގާތްގަނޑަކަށް 820 ވަރަކަށް މީޓަރެވެ. ލަކްޝަދީބުގެ ރަށްތަކުގެ ތެރެއިން ދެވަނައަށް އެންމެބޮޑު ރަށަކީ ވެސް މަލިކެވެ.

މަލިކު ފަޅަކީ ވަރަށް ބޮޑު ފަޅެކެވެ. ދިގު މިނުގައި 10 ވަރަކަށް ކިލޯމީޓަރު އަދި އެންމެފުޅާ ހިސާބުގައި 5 ކިލޯމީޓަރު ހުރި، މި ބޮޑު ފަޅަށް ވަދެވޭ 4 ނެރެއް އޮވެއެވެ. އެއީ އަތޮޅުގެ އުތުރު ބިތުގައި އޮންނަ "ސާލުމަގު" އާއި "ކަނޑިންމަމަގު"ގެ އިތުރުން "ނެރުމަގު" އާއި، ވިރިނގިއްޔާ ދިމާލުން އޮންނަ "ޗޯރުމަގު" ނުވަތަ "ޕޯޗަންޗޯރު މަގު" މިއެވެ. ނެރުމަގާއި ޗޯރު މަގަކީ ފެން ތިލަ ދެ މަގެވެ.

މަލިކުގައި އޮންނަނީ އެގާރަ އަވަށެވެ. މި އެގާރަ އަވަށަކީ އުތުރުން ފެށިގެން ދެކުނަށް، ކެނޑިފާޓީ، ފަލެއްސޭރި، ކުދެހި، ފުންހިލޯޅު، އަލޫޑި، ސޭޑިވަޅު، ރަށްމެދު، ބޮޑުއަތިރި، އައުމަގު، އަދި ބާޑަ އެވެ. މީގެ އިތުރުން ފަހުން އުފެދުނު ދެކުނު ބަންޑާރައެވެ. ބައެއް މީހުން ބޮޑުއަތިރީގެ އެއް ބަޔަކީ ވަކި އަވަށެއް ކަމަށް ބަލައި އައު ބޮޑަތިރިއޭ ވެސް ކިޔައެވެ. މިގޮތުން ބަލާނަމަ މަލިކުގެ އަވަށްތަކުގެ ޖުމްލައަކީ މިހާރު ބާރަ ކަމުގައި ބުނެވިދާނެއެވެ.

މަލިކުގައި ގޯތިތައް ހުންނަނީ ކައިރިކައިރީގައި ވަރަށް ގަޓާ ކޮށެވެ. މަގުތައް ހުންނަނީ ވަރަށް ހަނިކޮށެވެ. އަވަށްތެރޭގައި ހިމެނޭ އެންމެ މުހިއްމު މަގުތަކަކީ މައިމަގާއި ލޭނު މަގެވެ. ކޮންމެ އަވަށެއްގައިމެ ބައިމެދަށް ގޮވުމަށާއި، އަވަށު އެއްޗެހިތައް ބެހެއްޓުމަށް އަވަށުގެ ގެތައް ހަދާފައި ހުރެއެވެ. އަވަށު ގޭގެ ހަވާލުވެރިއަކީ އަވަށު "ބޮޑު ކާކަ"އެވެ. އަވަށުގެ އަންހެނުންގެ ކަންތައް ބަލަހައްޓަނީ "އަވަށު ބޮޑުދައިތަ"އެވެ. މަލިކުގައި އުމުރުގެ ގޮތުން އަވަށްއަވަށުގައި މީހުން ބައިބަޔަށް ބެހިފައިވެއެވެ. އެއީ ޅަވިލިކުދީން، އަތިރިކުދީން، އަދި ބައިމެދެވެ. އަވަށް ކަހައި ސާފުކުރުމާއި ބައިމެދަށް، ގޮވުމަކީ އަތިރިކުދީންގެ ކަމެކެވެ. އަތިރިކުދީން އަވަށް ކެހުމުން ކުނި އުކައިލާނީ ޅަވިލިކުދީންނެވެ. އަވަށުގައި ކޮންމެ މުހިއްމު ކަމެއްގައި ފަހު ނިންމުން ނިންމާނީ ބައިމެދެވެ. ބޮޑުކާކަަޔަށް ބޯލެނބުމީ އަވަށު އެންމެންގެ ވާޖިބެކެވެ.

މަލިކާއި ލަކްޝަދީބުގެ ގަދީމީ ތާރީހަށް ބަލާއިރު، މަލިކުގެ އިތުރުން މުޅި ލަކްޝަދީބާއި، ދިވެހިރާއްޖެ އެއް ވެރިކަމެއްގެ ދަށުގައި އޮތް ދުވަސްވަރެއް ވެސް ދިޔަކަން ފާހަގަކުރެވެއެވެ. އޭގެ ފަހުން ކަންނަންނޫރުގައި އަރައްކަލް ދަރިކޮޅުގެ ވެރިކަން ފެށި، މަލިކާއި ލަކްޝަދީބުގެ ރަށްތައް ކަންނަންނޫރު ރާޖާއިންގެ ވެރިކަމުގެ ދަށަށް ދިޔައެވެ.

މީލާދީން 1573 ވަނަ އަހަރު، ބޮޑު ތަކުރުފާނު ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވި ދުވަސްވަރު ވެސް މަލިކު އޮތީ ކަންނަންނޫރު ރާޖާއިންގެ ދަށުގައެވެ. ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ބޮޑުތަކުރުފާނުމެން ނުކުންނެވިއިރު އެތަކުރުފާނުމެންގެ އާއިލާތަކުގެ ރައްކާތެރި ކަމަށް ޓަކައި، ހިމާޔަތް ހޯއްދެވީ މަލިކުންނެވެ. އަދި ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނު ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަ ކުރައްވާފައި ވަނީ ވެސް މަލިކުގައެވެ. ބޮޑުތަކުރުފާނުގެ އާއިލާގެ ބޭފުޅުން މަލިކުގައި ތިއްބެވި "ދިވެހިގަނޑުވަރު" އަދިއަދަށް ދާންދެންވެސް މަލިކުގައި އެބަހުއްޓެވެ.

ބައެއް ފަހަރު، މަލިކު ދިވެހިރާއްޖޭގެ ވެރިކަމުގެ ދަށުގައި އޮތް ކަމުގައި ވިޔަސް، ގިނަ ފަހަރަކަށް މަލިކު މީހުންގެ މައްޗަކަށް ދިވެހިރާއްޖޭގެ ވެރީންގެ އަމުރެއް ނުހިނގައެވެ. ކުރީގައި މަލިކު އަބަދު ވެސް އޮތީ ދެ ފަރާތަށް ކިރިކިރި އޮންނަ ރަށެއްގެ ގޮތުގައެވެ. އެންމެފަހުން ދިވެހިރާއްޖޭގެ ވެރިކަމުގެ ދަށަށް މަލިކު ގެންނެވީ މީލާދީން 17 ވަނަ ގަރުނުގައި ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި އިސްކަންދަރު ރަސްގެފާނެވެ. އެހެންނަމަވެސް މި ގޮތުގައި މަލިކު އޮތީ ކުޑަ ދުވަސްކޮޅަކުއެވެ. ދެން 1752 ވަނަ އަހަރުން ފެށިގެން އަނެއްކާ ވެސް މަލިކު އޮތީ ކަންނަންނޫރުގެ ރާޖާއިންގެ ވެރިކަމުގެ ދަށުގައެވެ. 1875 ވަނަ އަހަރު ކަންނަންނޫރު ޢަލީރާޖާގެ އަތްމަތިން ބްރިޓިޝް އީސްޓް އިންޑިޔާ ކޮމްޕެނީގެ ވެރިކަމުގެ ދަށަށް ގޮސް 1905 ވަނަ އަހަރު ބްރިޓިޝް އިންޑިޔާގެ ވެރިކަމުގެ ދަށަށް މަލިކު ދިޔައެވެ. އަދި ބްރިޓިޝް ވެރިކަމުން 1947 ވަނަ އަހަރު އިންޑިޔާއަށް މިނިވަންކަން ލިބުމަށްފަހު، 1956 ވަނަ އަހަރު މަލިކު ރައްޔިތުންގެ މެދުގައި ނެގި ފެންނަނުފެންނަ ވޯޓަކުން މަލިކު މީހުން އިންޑިޔާއާ ގުޅުމަށް ނިންމުމާ ގުޅިގެން ފުރިހަމަ މާނައިގައި މަލިކު އިންޑިޔާގެ ރަށަކަށްވިއެވެ. އިންޑިޔާ ފަދަ ބާރުހުރި، ބޮޑު ގައުމެއްގެ ރައްޔިތުން ކަމުގައި ވުމަކީ މަލިކު މީހުން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެކެވެ. މަލިކު މީހުންގެ ހިތުގައި އިންޑިޔާގެ ގައުމީ ލޯބި ވަރަށް ވެސް ވަރުގަދައެވެ. އިންޑިޔާގެ ރަށެއްގެ ގޮތުގައި މަލިކު އޮތުމަކީ މަލިކުގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް ވެސްމެއެވެ. ތައުލީމާއި ސިއްހަތު ފަދަ އަސާސީ ހިދުމަތްތައް ލިބި ގަތުމަށް ދިވެހިރާއްޖޭގެ ހުރިހައި ރަށެއްގެ މީހުން ބަރޯސާވާން ޖެހިފައި އޮތީ މާލެއަށެވެ. މާލެއިން ނުލިބޭ ހިދުމަތްތައް ހޯދުމަށާއި، މާލެއިން ލިބޭ ހިދުމަތްތަކަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތައް ހޯދުމަށް ގިނަ ދިވެހިން ދަނީ، އަދި ދާން ޖެހިފައިވަނީ އިންޑިޔާއަށެވެ. މާލެއަށް ވުރެ މަލިކާ ކައިރީގައި އޮތީ އިންޑިޔާއެވެ. ދިވެހިންގެ އެތައް ބަޔަކު ގިނަގުނަ ހިދުމަތްތަކެއް ހޯދުމަށް މިސްރާބު ޖަހާ ކޮއްޗޭ ނުވަތަ ކޮޗިން އާއި މަލިކާ ދެމެދު 215 ނޯޓިކަލް މޭލު ހުރި އިރު، ދިވެހިރާއްޖޭގެ ވެރިރަށް މާލެ އާއި މަލިކާ ދެމެދު 250 ނޯޓިކަލް މޭލު އެބަ ހުއްޓެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އުތުރުގެ ރަށްތައް މަލިކާ ކިތަންމެ ކައިރިއަކަސް، ހިދުމަތް ހޯދުމުގައި މާލެއަށް ބަރޯސާވާން ޖެހޭ ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، އެކަން ވެގެންދާނީ މަލިކުގެ ރައްޔިތުންނަށް ތަހައްމަލުކުރަން ދަތި، އުނދަގުލަކަށެވެ. ފެންވަރު ރަނގަޅު ހިދުމަތްތަކަށް ފަސޭހެކަމާއެކު ވާސިލުވުމުގެ ފުރުސަތު މަލިކުގެ ރައްޔިތުންނަށް ލިބިފައިވުމަކީ، މަލިކަށް ހެޔޮ އެދޭ ކޮންމެ މީހަކު ހިތުން ރުހުމުން ބަލައިގަންނާނެ ކަމެކެވެ. އެހެންކަމުން ހެޔޮ ވިސްނޭ އެއްވެސް މީހަކު އިންޑިޔާގެ ރަށެއްގެ ގޮތުގައި މަލިކު އޮތް އޮތުމަކާ ދެކޮޅެއް ނަހަދާނެއެވެ.

މަލިކު މީހުންގެ ދޫދޫމަތިން ކިޔަމުން އަންނަ ގޮތުންނަމަ މަލިކުގައި މިހާރު ތިބީ، ދިވެހިރާއްޖެއިން އެރަށަށް ހިޖުރަކުރި ކަނބޯރަނިންނާއި ކޮހޮރަތުކަމަނާ އާއި އެބައިމީހުންނާއެކު އައި މީސްމީހުންގެ ދަރިދަރިކޮޅެވެ. މަލިކު މީހުންގެ އިޖްތިމާއީ ގިންތިތައް ބެހިފައި އޮންނަގޮތުން ކަނބޯރަނިންގެ ދަރިކޮޅުން އައިމީހުންނަކީ ރަށުގެ ބޮޑުންނެވެ. ދެވަނަ ދަރަޖައަކީ ނިޔަމީންނެވެ. ތިންވަނަ ދަރަޖައިގެ މީހުންނަކީ ކަލާސީން ނުވަތަ މެދުކެނބީންނެވެ. ހަތަރުވަނަ ދަރަޖަ ނުވަތަ އެންމެ އާދައިގެ މީހުންނަކީ ރާވެރިންނެވެ. ނަމަވެސް ޒަމާންތައް ފާއިތުވަމުން އައިސް މިހާރު މަލިކު މީހުން މިފަންތިތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

މަލިކުގައި ވާހަކަ ދައްކަނީ މަހަލް (ދިވެހި) ބަހުންނެވެ. (މަޙަލްދީބު، މިއީ ދިވެހިރާއްޖެއަށް ކިޔައި އުޅުނު ނަންތަކުގެ ތެރެއިން ނަމެކެވެ). ދިވެހިރާއްޖޭގެ މަޝްހޫރު ތާރީހު އިލްމުވެރިޔާ އަލްއުސްތާޒު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠްފީ، "މުޚްތަޞަރު ތާރީޚް ދީބާމަޙަލް" މި ފޮތުގައި ދިވެހި ބަހުގެ ނަމާ މެދު ލިޔުއްވައިފައި ވަނީ "މި ބަހަށް ކުރީ ޒަމާނުގައި ކިޔައި އުޅުނީ 'މަހަލް' ބަހެވެ." މިފަދައިންނެވެ. މަލިކުގައި ވާހަކަ ދައްކާ ބަހުރުވައަށް ބަލާއިރު، އެ ބަހުރުވައާ އެންމެ އެއްގޮތްކަން ބޮޑީ، ދިވެހިރާއްޖޭގެ ބޮޑު ތިލަންދުންމަތީގެ ރަށްރަށުގެ ބަހުރުވަތަކެވެ. ކޮންމެ ބަހަކުން ވާހަކަ ދައްކާ މީހުންގެ ތެރޭގައި ވެސް، މިގޮތަށް އެކި ސަރަހައްދުތަކުގައި ވާހަކަ ދައްކާ ބަހުރުވަ ތަފާތުވުމަކީ ތަބީއީ ކަމެކެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅުގައި ވާހަކަ ދައްކާ ބަހުރުވަތަކަށްވުރެ، މަލިކުގައި ވާހަކަދައްކާ ބަހުރުވަ ނުވަތަ މަލިކު ބަސް ދިވެހިރާއްޖޭގެ އާންމު ބަހުރުވައާ މާ އެއްގޮތްކަން ބޮޑެވެ. ދިވެހިބަހުން ވާހަކަ ދައްކާ ބަޔަކު ދިރިއުޅޭ ރަށެއްގެ ގޮތުގައި އަބަދުވެސް މަލިކު އޮތުމަކީ ކޮންމެ ދިވެއްސަކު ވެސް އުފާވާނޭ ކަމެކެވެ. ދިވެހިރާއްޖެ ނޫންތަނެއްގައި މާދަރީ ބަހެއްގެ ގޮތުގައި ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު ތިބުމަކީ ކޮންމެ ދިވެއްސަކަށްމެ އުފާވެރި އިހްސާސްތަކެއް ގެނެސްދޭނެ ކަމެއްކަން ޔަގީނެވެ.

މަލިކު ފިޔަވައި ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕުގައި ހިމެނޭ އެހެން ރަށްރަށުގެ މީހުން މޮށިއުޅެނީ ހިންދުސްތާނުގެ މައި ކަރައިގައި އެންމެ ދެކުނަށް އޮތް ކެރެލާ އިސްޓޭޓުގައި ނުވަތަ މަލިކު މީހުން ކިޔާ ގޮތުން ނަމަ ދިގު ކަރައިގައި މޮށިއުޅޭ ބަސް ކަމުގައިވާ ހޮޅި (މަލަޔާޅަމް) ބަހުގެ އާއިލާއަށް ނިސްބަތްވާ ބަހެއް ކަމުގައިވާ ޖަޒަރީ ބަހުން (ދްވީޕް ބާހޝާ އިން / ދީބު ބާހޝާ އިން) ނެވެ. މި ނަމަށް ބަލާއިރު މީގެ ލަފްޒީ ތަރުޖަމާ އާއި، "ދިވެހި ބަސް" މި ނަމުގެ ލަފްޒީ ތަރުޖަމާއާ އެއްގޮތް ކަމެއް ހުރިކަން ފާހަގަ ކުރެވެއެވެ. މި ހުރިހައި ނަމަކުން ވެސް ދޭހަވަނީ ޖަޒީރާތަކުގައި ވާހަކަ ދައްކާ ބަހެއް ކަމެވެ.

އިންޑިޔާގެ އެކި ސަރަހައްދުތަކުގެ މީހުންގެ ބަހާއި ސަގާފަތް ރައްކާތެރި ކުރުމަށް ސަމާލުކަން ދޭ ފަދައިން، މަލިކުގެ ސަގާފަތާއި މަލިކު ބަސް އުވިޔަނުދީ ދެމެހެއްޓުމަށް ވެސް، އިންޑިޔާގެ މަރުކަޒީ ސަރުކާރުން ހާއްސަ ސަމާލުކަމެއްދެއެވެ. މަލިކުގެ އިސްކޫލުތަކުގައި މާއްދާއެއްގެ ގޮތުގައި މަހަލް ބަސް ކިޔަވައިދެއެވެ. މި ގޮތުން މިހާރު ކިޔަވައިދެވެނީ ހަތަރުވަނަ ގްރޭޑާ ހަމަޔަށް ކަމުގައި ވިޔަސް، އިތުރު މުދައްރިސުން ތަމްރީނުކޮށް، މަތީ ކިލާސްތަކުގައި ވެސް މަހަލް ބަސް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މަލިކު މީހުންނަކީ މަލިކު ބަހަށާއި އެމީހުންގެ ސަގާފީ ކަންކަމަށް ވަރަށް ބޮޑަށް ލޯބި ކުރާ ބައެކެވެ. ގޮތުގައި ބަލާއިރު ދިވެހީންނަށް ވުރެ ވެސް ބޮޑަށް މަލިކު މީހުން މާދަރީ ބަހަށް ސަމާލުކަންދެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދިވެހިރާއްޖޭގެ ގައުމީ ބަހަކީ ދިވެހި ބަސް ކަމުގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވެފައިވުމާއެކު ވެސް، ދިވެހިރާއްޖޭގެ ރަސްމީ މުއައްސަސާތަކުގެ ނަންބޯޑުތަކުގައި ދިވެހިބަހުން ނަން ލިޔެފައި ނުހުންނަކަން ފާހަގަކުރެވެއެވެ. މި ދެންނެވީ މުއައްސަސާތަކުގެ ނަންތައް، ދިވެހި ބަސް ލިޔުމަށް ބޭނުންކުރާ އަކުރު ކަމުގައިވާ ތާނައިން ލިޔެފައި ނުހުންނަ ވާހަކައެއް ނޫނެވެ. ތާނައިން ލިޔެފައި ހުރެއެވެ. އެކަމަކު ދިވެހި ބަހަކުން ނޫނެވެ. އެހެން ނަމަވެސް އަވަށްޓެރި އިންޑިޔާގައި ދިވެހި ބަހުން ވާހަކަ ދައްކާ މަލިކުގެ ރަސްމީ މުއައްސަސާތަކުގައި ތާނައަކުރުން ލިޔެފައި ހުންނަނީ އެމީހުންގެ މާދަރީ ބަހެވެ. ބޭރު ބަހެއް ނޫނެވެ. އެކަން މީގައި މިވާ މަލިކު ހަސްފަތާލު (މަލިކު ބަހުން "އަސްފަޓާލު") ގެ ފޮޓޯއިން ވެސް އެނގޭނެއެވެ.

މަލިކު މީހުންގެ ހެދުން އެޅުމަށް ބަލާއިރު، ދާދި ފަހަކާ ޖެހޭންދެން މަލިކު ފިރިހެނުންގެ އާއްމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުން އައިސްފައިވަނީ ކަކުލުގެ ތިރިއާ ހަމައަށް އޮންނަވަރުގެ ކަޅުހަރުވާޅަކާއި އޭގެ މަތިން އަންނަ ހުދުފޮށައެކެވެ. ފޫޅުން މަތި ހުންނަނީ ހާމަޔަށެވެ. މި ގޮތަށް ހެދުން އަޅާއިރު ބައެއް ފަހަރަށް ބޮލުގައި ރަތްރުމާލެއް ނުވަތަ ހުދުފޮށައެއް އަޅައެވެ. މިހާރު މަލިކުގެ ދުވަސްވީ ފިރިހެނުންގެ ހެދުމަކީ މުންޑާއި ގަމީހެވެ. ޒުވާނުން ލައި އުޅެނީ ފަޓުލޫނާއި ގަމީހެވެ. އަދި ޓީޝާޓާއި ޖީންސެވެ. ކުރީގައި މަލިކު އަންހެނުން ލައި އުޅުނީ ރަތް ލިބާހޭ ކިޔޭ ޒާތުގެ ލިބާހެކެވެ. މި ޒަމާނުގައި މަލިކު އަންހެނުންގެ އާއްމު ހެދުމެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ މައުލިބާހާއި މައުދޮޅިއެވެ. މިދެންނެވި މައުލިބާހާއި މައުދޮޅިއަކީ 1940 ގެ އަހަރުތަކުގައި ތައާރަފުވި ހެދުމެކެވެ. ޒުވާން އަންހެނުން ދޯޕައްޓާ ހެދުން ވެސް ބޭނުން ކުރެއެވެ.

އިގްތިސާދީ މަސައްކަތްތަކަށް ބަލާއިރު، މަލިކު ފިރިހެނުންގެ މައިގަނޑު މަސައްކަތަކީ ބޯޓު ދަތުރުކުރުމެވެ. މިގޮތުން މަލިކުގެ ފިރިހެނުންގެ ތެރެއިން 80 އިންސައްތަ މީހުން ދުނިޔޭގެ އެތަންމިތަނުގެ ބޯޓު ފަހަރުގައި މަސައްކަތް ކުރެއެވެ. ދިވެހިރާއްޖޭގެ ވަރަށް ގިނަ ބޯޓުފަހަރުގައި ވެސް މިފަހަކަށް އައިސް މަލިކުގެ ވަރަށް ގިނަ ޒުވާނުން މަސައްކަތްކުރަމުން އެބަދެއެވެ. މަލިކު މީހުންގެ މައިގަނޑު އަނެއް މަސައްކަތަކީ މަސްވެރިކަމެވެ. މަލިކަކީ ދިވެހިރާއްޖެއެކޭ އެއްފަދައިން ދޮށީގެ މަސްވެރިކަމަށް ކުޅަދާނަ ރަށެކެވެ. ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް ވެސް މަލިކުގައި ހުރެއެވެ. މަލިކު އަންހެނުންނަކީ ވެސް މުޖުތަމައަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރާ ބައެކެވެ. ރޯނު ވެށުމުން ފެށިގެން ޑޮކްޓަރީކަމާ ހަމައަށް މަލިކުގެ މުޖްތަމައަށް މަލިކު އަންހެނުންގެ ހިދުމަތް ދަނީ ލިބެމުންނެވެ.

ސަގާފީ ކުޅިވަރުތަކަށް ބަލާއިރު، އެއުރެންގެ ހާއްސަ ދުވަސްދުވަހުގައި ނަށާ ނެށުންތައް ފާހަގަ ކުރެވެއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ ނެށުމަކީ ފިރިހެނުން 2 ސަފަކަށް ތިބެ ހާއްސަ ހެދުމެއް ލައިގެން ކަރުގައި ބެރު އެލުވައިގެން ތިބެ ބެރު ޖަހަމުން، އެޔާ އެއްވަރަށް ފައިހަމަ ކުރަމުން ރައިވަރާއި ފަރިހި ކިޔަމުން ނަށާ ނެށުމެކެވެ. މަލިކު ބަހުރުވައިން ރައިވަރަށް ކިޔަނީ ތައިވަރެވެ. މީގެ އިތުރުން ދަނޑި ޖެހުމާއި، ތާރަ ޖެހުމާއި، ބަނޑިޔާ ޖެހުމާއި، ފުޅި އާއި އަށިމަތީ ބެރު ފަދަ ނެށުންތައް ހިމެނެއެވެ. ހަމައެފަދައިން ޖަހާ ދޯނި ދުއްވުމަކީ ވެސް މަލިކު މީހުންގެ ސަގާފަތުގައި ހިމެނޭ ވަރަށް ފުރިހަމަ ކުޅިވަރެކެވެ.

މަލިކު މީހުންގެ ކާބޯތަކެއްޗަށް ބަލާއިރު، ދިވެހިންގެ ކާބޯތަކެއްޗާ އެއްވެސް ތަފާތެއް ނެތެވެ. މިއަދު ދިވެހިރާއްޖޭގެ ބަދިގެތަކުގައި ކައްކާއިންގެ ގޮތުގައި ބިދޭސީން ގިނަވަމުން އަންނަ އިރު، ދިވެހީންގެ ކާބޯތަކެތީގެ އަސްލު ރަހަތައް ދަނީ ދިވެހީންނާ އަލްވަދާއު ކިޔަމުންނެވެ. ދިވެހިރާއްޖޭގައި އަމިއްލަ ބަހާއި ސަގާފަތަށާއި އަމިއްލަވަންތަ ހުރިހައި ކަމަކަށް ފުރަގަސް ދިނުމުގެ އޮއިވަރެއް އޮތެއް ކަމަކު، އިންޑިޔާއަކީ ބަހާއި ސަގާފަތަށް ވަރަށް ބޮޑަށް އިސްކަންދޭ ގައުމެއް ކަމުން އަމިއްލަވަންތަ ކަންކަމަށް ލޯބި ކުރުމުގެ ރޫހު މަލިކު މީހުންގެ ކިބައިގައި އެބަހުއްޓެވެ. ޖަހާ ދޯނި ދުއްވުން ފަދަ ސަގާފީ ކުޅިވަރުތަކާއި، ކާބޯތަކެތީގައި ހުރި އަމިއްލަ ރަހަތައް ދިވެހީންނާ އަލްވަދާއު ކިޔާފައިވާ އިރު، އެ ހުރިހައި ރަހައެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދިވެސް އަވަށްޓެރި މަލިކުން ލިބެން އެބަހުއްޓެވެ.

މަލިކު މީހުންނާއި ދިވެހީންނަކީ ދެ ގައުމެއްގެ ރައްޔިތުން ކަމުގައި ވިޔަސް، އެއް ސަގާފަތެއް ހިއްސާ ކުރާ އަދި އެއް ނަސްލަކަށް ނިސްބަތްވާ ބައެއް ކަމުން، ޒަމާނުއްސުރެ މި ދެބައިމީހުންގެ މެދުގައި އޮތް ގާތްގުޅުން ކެނޑިގެންދާކަށް އެއްވެސް ބަޔަކު ނޭދެއެވެ. އަދި ދެ ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ތިބުމާއެކު ވެސް، ސަގާފީ ގުޅުންތައް ނުބޭއްވޭންވީ ސަބަބެއް ނެތެވެ. އެއް ބަހަކުން ވާހަކަ ދައްކާ، އަދި އެއް ނަސްލަކަށް ނިސްބަތްވާ ބަޔަކަށް ދެ ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ތިބެމެ، ސަގާފީ ގުޅުންތައް ކިތަންމެ ފުރިހަމަކޮށް ވެސް ދެމެހެއްޓިދާނެއެވެ. މިސާލަކަށް، ޔަމަނާއި މިސްރާއި އުރުދުން އަކީ ވެސް މިނިވަން މުސްތަގިއްލު ތިން ގައުމެވެ. އެހެން ނަމަވެސް ނަސްލަށާއި މާދަރީ ބަހަށް ބަލާއިރު، މި ތިން ގައުމުގައި ވެސް ތިބީ، އަރަބީންނެވެ. ވާހަކަ ދައްކަނީ އަރަބި ބަހުންނެވެ. އެހެން ކަމުން އެއް ސަގާފަތަކާއި އެއް ބަހެއް ހިއްސާ ކުރުމަކީ ވަކިވަކި ދެ ގައުމުގެ ގޮތުގައި އޮތުމަކަށް ހުރަސް އަޅާ ކަމެއް ނޫންކަން އެނގެއެވެ. ބައިނަލްއަގްވާމީ އިންތައް ނުވަތަ ބޯޑަރުތައް ކަނޑައަޅަނީ ބަޔަކު ހިއްސާ ކުރާ ސަގާފަތަކާއި ބަހަކުންނެއް ނޫނެވެ.

ނަސްލުގެ ގޮތުން ބަލާއިރު ދިވެހީންގެ ނަސްލަކީ ވެސް އިންޑިޔަން ސަބްކޮންޓިނެންޓަށް ނިސްބަތްވާ ނަސްލެކެވެ. ދިވެހިރާއްޖޭގެ އަސްލު ވަޒަންވެރީން އައިސްފައިވަނީ އިންޑިޔާ އާއި ޝްރީލަންކާއިން ކަމަށް ވެފައި، ޝްރީލަންކާ މީހުންގެ އަސްލު ވެސް ފެށެނީ އިންޑިޔާއިން ކަމަށް ވާއިރު، ދިވެހީންނާއި އިންޑިޔާގެ ގުޅުމަކީ އެހެން ގައުމަކާ ދިވެހީންނާ ދެމެދު ނެތް ފަދަ ގާތް ގުޅުމެކެވެ. ބަހަށް ބަލާއިރު ވެސް އިންޑިޔާގެ ގިނަ ބަސްތަކެކޭ އެއްފަދައިން ދިވެހި ބަހަކީ ވެސް ސާންސްކްރިތު ބަހުން އުފަންވި ބަހެކެވެ. ބަހާއި ސަގާފަތާއި ނަސްލާ، މި ހުރިހައި ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިވެހިންނާ ހިއްސާ ކުރާ ހަމަ އެކަނި ގައުމަކީ އިންޑިޔާއެވެ. ސިޔާސީ ގޮތުން ވަކީން އޮންނަ ދެ ގައުމެއްގެ ގުޅުން އެންމެ ބޮޑަށް ބަދަހިވެގެންދަނީ ވެސް ދެބައިމީހުން އެކުގައި ހިއްސާ ކުރާ މިފަދަ ކަންތައްތަކުގެ ސަބަބުންނެވެ. މި އުސޫލުން ބަލާއިރު، މަލިކުގެ އަހުލުވެރީންނާއި ދިވެހީންގެ ގުޅުން، ބަހާއި އަދަބާއި ސަގާފީ ގޮތުން ކުރިއަރައިގެން ދިޔުމަކީ، އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ޒަމާންވީގާތްކަންވެސް އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. އަދި މިއީ މިދެގައުމަށް ވެސް އޭގެ ލާބައާއި މަންފާ ލިބޭނެ ކަމެއްކަން ކަށަވަރެވެ.