ސ.މީދޫގައި ނަހަލާލަށް ބަލިވެއިން 17 އަހަރުގެ ކުޑަ ކުއްޖަކު އޭނާގެ ދަރިފުޅު އެބޯޓުކޮށްލި ކަމުގެ ތުހުމަތުގައި އަދި އެކަމުގައި އެހީތެރިވިކަމުގެ ތުހުމަތުގައި އެކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެބޯޝަންގެ މައްސަލައަކާ ގުޅިގެން އިއްޔެ ހެނދުނު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރި މީހުންނާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭ 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ކަށަވަރުކޮށެއްނުދެ އެވެ.

ނަމަވެސް، އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރީ މީދޫ އަންހެން ކުއްޖަކާއި އެކުއްޖާގެ މަންމަ އެވެ. ސަތާރަ އަހަރުގެ އެ އަންހެން ކުއްޖާ ދަރިފުޅު އެބޯޓްކޮށްލީ ބަނޑަށް ހަތަރު މަހުގަ ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި އެކަން މީހުންނަށް އެނގުނީ އެ އަންހެންކުއްޖާ އާ އޭނާގެ މަންމަވެގެން ކުއްޖާ އެބޯޓުކޮށްލުމަށްފަހު ނަގާފައިވާ ތުއްތު ކުއްޖާގެ ފޮޓޯއެއް އެކުއްޖާ އޭނާގެ ރައްޓެއްސަކަށް ފޮނުވުމުން ކަމަށް ވެސް އެމީހާ ބުންޏެވެ. ކުއްޖާ ވަޅުލާފައިވަނީ އެމީހުން ދިރިއުޅޭ ގޭގެ ގޯތިތެރޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ ކުރިންވެސް އެ އަންހެންކުއްޖާއާ ގުޅޭ ގޮތުން ތަފާތު އަޑުތައް ރަށުތެރޭ ފެތުރިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަންހެންކުއްޖާގެ މަންމަ އާއި ބަނޑުބޮޑުވި ކުއްޖާގެ ބައްޕަ އާ ދެމީހުން ތިބެނީ ވަރިކޮށްފައި. ހިއެއްނުވޭ އަންހެން ކުއްޖާގެ ބައްޕައަށް އެކަން އެނގޭނެ ހެނެއް. އެކަމަކު އެގޭގައި އުޅޭ އެހެންމީހުންނަށް ފަހަރެއްގައި އެނގިދާނެ،" މީދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެމީހާ ބުނީ ފުލުހުން މިހާރު ދަރިފުޅުގެ ހަށިގަނޑު ނަގައިގެން ގޮސް، ގަބުރުސްތާނުގައި ވަޅުލާފައިވާ ކަމަށެވެ.