އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ޔުނިވާސަލް އެންޓަޕްރައިޒަސްގެ ފަރާތުން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ޔުނިވާސަލްގެ ފަރާތުން ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރަށް ހަދިޔާކުރި ފައިސާ އާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. މިނިސްޓަރު ވިދާޅުވީ އިއްޔެގެ "ކާރިސާ" އާ ގުޅިގެން ރައްޔިތުންނަށް ލިބުނު ގެއްލުންތަކަށް ޔުނިވާސަލްގެ ފަރާތުން ހަމްދަރުދީ ފޮނުވާފައިވާ ކަމަށެވެ.

"ފައިސާ ލިބުނީމާ އެ އަދަދުތަކާއެކީ، އަދި އެ ފައިސާ ހަދިޔާ ކުރެއްވި ފަރާތްތަކާއެކީ މީޑިއާއަށް ހާމަކުރަނީ އެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް. އެއިން ހަރަދު ކުރެވޭނެ ކަންކަން އެމްޑީއެމްސީ އިން ހާމަކުރައްވާނެ،" މިނިސްޓަރު ވިދާޅުވީ ކުއްލިއަކަށް ކުރަންޖެހޭ ހަރަދުތައް ބަޖެޓުނުކޮށް ކުރަން ޖެހުމަކީ ދައްޗަކަށް ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިތުރު ފަރާތްތަކުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޔުނިވާސަލް އިން ބުނީ އެ ކުންފުނީގެ ފަރާތުން ރައްޔިތުންނަށްއެހީވުމަށް ނިންމީ ފަހުގެ ތާރީހުގައި ދިމާ ނުވާފަދަ ކާރިސާ އެއް އިއްޔެ ދިމާވެ، ގިނަ އަދަދެއްގެ ރައްޔިތުން ހާލުގައި ޖެހިފައިވާތީ ކަމަށެވެ.

"ގައުމީ ކޮންމެ ކަމެއްގައި އަޅުގަނޑުމެންނަށް ދެވެން އޮންނަ އެހީއެއް ދޭން މިތިބެނީ ތައްޔާރަށް،" ޔުނިވާސަލް އިން ބުންޏެވެ.

ޑިޒާސްޓާ މެނޭޖުމެންޓުން ބުނީ ޔުނިވާސަލްގެ ފަރާތުން ހަދިޔާކުރި ފައިސާ ބޭނުންކުރާނީ ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށްއެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އެ ސެންޓަރުން ބުނީ 99 ގެއެއްގެ އެނަލިސިސްއެއް ހަދައި އެ ގޭގެއަށް އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ވިއްސާރާގައި ލިބުނު ގެއްލުމުން އަރައިގަތުމަށް ކުންފުނިތަކުން ދަނީ ދީލަތި އެހީތައް ފޯރުކޮށްދެމުންނެވެ.