އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ފެންވަދެ ގެއްލުން ލިބުނު ގެތަކަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މިނިސްޓަރު ވަނީ ރޭގެ ވިއްސާރައާ ގުޅިގެން މީހުން ނޫޅެވޭ ވަރަށް ގެއްލުންވި ދެގޭގެ މީހުން މިވަގުތު ތިބި ބީހައިވް ހޮޓަލަށް ޒިޔާރަތްކުރައްވާ އެ މީހުންގެ ހާލުވެސް ބައްލަވާ ލައްވައިފަ އެވެ.

ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުން ބުނީ އިއްޔެ ކުރި ވިއްސާރައާ ގުޅިގެން 117 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އޭގެ ތެރެއިން ދެ ގެއެއްގެ މީހުން ތިބީ ޑިޒާސްޓާ މެނޭޖުމެންޓުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އިއްޔެ ކުރި ވިއްސާރައާ ގުޅިގެން އެކިކަހަލަ ގެއްލުންލިބިގެން 99 ގެއެއްގެ އެސެސްމެންޓް ހަދާފައިވާ ކަމަށް ވެސް ޑިޒާސްޓާ މެނޭޖުމެންޓުން ބުންޏެވެ.

ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުން ކަލާފާނު ސްކޫލުގައި ގާއިމްކޮށްފައިވާ ޑިޒާސްތާ މެނޭޖުމެންޓު ސެޓްއަޕްގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް މިނިސްޓަރު އާތިފާ ވަނީ ބައްލަވާލައްވައިފަ އެވެ.

އިއްޔެ މާލެއަށް 223.5 މިލިލޓަރުގެ ވާރޭ ވެހުނުކަމަށް މެޓު އޮފީހުން ބުންޏެވެ.