އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަކީ ދީނާއި ޚިލާފްކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މައިހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ވެރީންނަށް ކިޔަމަންވުމަކީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމެއް ކަމަށާއި ވެރީންގެ މައްޗަށް ނުކުތުމާއި، ވެރީންގެ މައްޗަށް ފިތުނަ އުފެދޭ ވާހަތައް ދެއްކުމަކީ އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި ޚިލާފް ކަމެއް ކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ނުލައި އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަކީ ކަނޑައެޅިގެން ދީނާއި ޚިލާފްކަމެއް ކަމަށް އަލްހާން ވިދާޅުވި އެވެ.

"ކީރިތި ގުރުއާނުގައި މާތް ރަސްކަލާނގެ އަންގަވާފައި އޮވޭ ވަރަށް ސާފުކޮށް އެކަލާނގެއަށް ކިޔަމަންތެރިވުމަށްފަހު ކީރިތިރަސޫލާއަށް ކިޔަމަންވުމަށްފަހު ތިޔަބައިމީހުންގެ ވެރީންނަށް ކިޔަމަންވާށޭ. އެހެންވީމާ ވެރީންގެ މައްޗަށް ނުކުތުމާއި ވެރީންގެ މައްޗަށް ފިތުނަ އުފެދޭ ވާހަތަށް ދެއްކުމަކީ އިސްލާމީ ޝަރީއަތުގެ އަސްލާއި ޚިލާފްކަމެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެއްވެސް ސަބަބެއް ނެތި އެއްވެސް އަސްލެއްނެތި ރައީސް ނަޝީދު ކުރެއްވި ކުށަކާނުލާ އުފެއްދި ފިތުނަޔަކާނުލާ ހިންގި ޖަރީމާޔަކާ ނުލާ އެގޮތަށް ވަކިވާ ވަކިވުމަކީ އެއީ ކަނޑައެޅިގެން ދީނާއި ޚިލާފްކަމެއް،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ އަދާލަތު ޕާޓީ އެމްޑީޕީއާ ވަކިވުމަކީ އެއްވެސް ސިޔާސީ، ޝަރުއީ އަދި ދީނީ އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އަދާލަތު ޕާޓީން އެމްޑީޕީއާ ވަކިވީ އެމްޑީޕީގެ ބޮލުގައި ބަދުނާމެއް އެޅުވުމުގެ ބޭނުމުގައި ކަމަށް ވެސް އަލްހާން ތުހުމަތު ކުރެއްވި އެވެ. އަލްހާން ވިދާޅުވީ އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަކީ އެޕާޓީން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

"ސިޔާސީ ޕާޓީއެއް އަޅުގަނޑުމެންނާ ބައިވެރިވެގެން އުޅެ ވަކިވުމަކީ އޭގެ ޒާތުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. އެހެންނަމަވެސް އަޅުގަނޑު މިރޭ އެމްޑީޕީގެ މެމްބަރުންނަށް ދަންނަވާލަން ބޭނުން ވަނީ އަދާލަތު ޕާޓީން އަޅުގަނޑމެންނާ ވަކިވުމަކީ އެއީ އެމްޑީޕީން އެއް ގޮތަކަށް ވެސް ސިޔާސީ ހިތާމައެއް ކުރާ ކަމެއް ނޫން،" އަލްހާން ވިދާޅުވިއެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Alhaan (mp3)