06 Dec 2018, 09:12
އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ދެ ގެއެއްގެ ވިހި މީހަކު ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށް އެ ސެންޓަރުން ބުނެފިއެވެ.
ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓާ ހިސާން ހަސަން "ސަން" އަށް ވިދާޅުވީ އިއްޔެ ކުރި ވިއްސާރައާ ގުޅިގެން ޑިޒާސްޓާ މެނޭޖުމެންޓުން 117 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
"އޭގެ ތެރެއިން ދެ ގެއެއްގެ 20 މީހަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބީހައިބް ހޮޓަލްގައި އެބަތި،" އޭނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އިއްޔެ ކުރި ވިއްސާރައާ ގުޅިގެން އެކިކަހަލަ ގެއްލުންލިބިގެން 99 ގެއެއްގެ އެސެސްމެންޓު ހަދާފައިވާ ކަމަށެވެ.
މީގެ އިތުރުން ވިއްސާރައާ ގުޅިގެން ކަރަންޓުގެ މައްސަލަ ދިމާވި 168 ގެއެއްގެ ކަރަންޓު މައްސަލަ ސްޓެލްކޯއާ ގުޅިގެން ހައްލުކޮށްފައިވާ ކަމަށާއި ގޯޅިތަކާއި ގެތަކުގައި ބޮޑުވެފައިވާ ފެންގަނޑު ރޭ މެންދަމު 1:45 ހާއިރު އެމްއެންޑީއެފްގެ އެހީ އާއެކު ކޮންޓްރޯލުކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ރޭ މެންދަމު 12:49 ހާއިރު އެމްއެންޑީއެފްއިން ކޮންޓްރޯލު ކުރި ކަމަށެވެ.
"ފެންބޮޑުވެ ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް 38 ގެއެއްގައި ވެލިބަސްތާ ވެސް ޖަހާފައިވާނީ،"
އޭނާ ވިދާޅުވީ އިއްޔެ ކުރި ވިއްސާރައާ ގުޅިގެން ޑިޒާސްޓާ މެނޭޖުމެންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ރޭ 2:44 ގައި ނިންމާލާފައިވާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އިއްޔެ މާލެއަށް 223.5 މިލިލޓަރުގެ ވާރޭ ވެހުނު ކަމަށެވެ.