ރާއްޖޭގެ އަދުލު އިންސާފް ގާއިމްކުރުމުގެ އެންމެ މަތީ ބާރު، ސުޕްރީމް ކޯޓުގައިތިބި ހަތް މީހަކު ބޭނުންހާ ގޮތަކަށް މިގައުމު ނަގާ "އޮޅާލަން" ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހީމް އިސްމާއީލް (އިބްރާ) ސުޕްރީމް ކޯޓަށް އަނެއްކާ ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ.

ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ މައި ހަރުގޭގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އިބްރާ ވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ނަމަވެސް އިބްރާ ވިދާޅުވީ އެ ބޭފުޅުން "ގުދާރު ބިންދައިގެން" ރާއްޖެ މިހިސާބަށް ގެނައި ބަދަލުތައް ސުޕްރީމް ކޯޓުގައިތިބި ހަތް މީހަކު ބޭނުންހާ ގޮތަކަށް "އޮޅާލުމަށް" ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"މިރާއްޖޭގެ އަދުލުއިންސާފް ނަގާލަން، ގާނޫނު އަސާސީގެ ބާރުކަނޑުވާލަން ސުޕްރީމް ކޯޓުން އުޅެންޏާ ރައްޔިތުން ނުކުންނާނަނަމޭ، ހަމަ ނުކުންނާނަނަމޭ. ހަމަ ހިލާ ނުތިބޭނަމޭ މަޑަކުން އަޅުގަނޑުމެން މިހިސާބަށް އަޅުގަނޑުމެންގެ ގުދާރު ބިންދައިގެން އަޅުގަނޑުމެންގެ ލޭ އޮހޮރުވައިގެން އެތައް ގުރުބާނީއެއް ވެގެން އައީކީއެއް ސުޕްރީމް ކޯޓުގައިތިބި ހަތް މީހަކު ބޭނުން ގޮތަކަށް މިގައުމު ނަގާ އޮޅާލަން ދޫކުރާކަށް ނޫނޭ،" އިބްރާ ވިދާޅުވި އެވެ.

އެ ޖަލްސާގައި އިބްރާ ވަނީ ސުޕްރީމް ކޯޓާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލުމަށް ވެސް ގޮވައިލައްވައިފަ އެވެ.

"އެހެންވީމާ މިއަދު އަޅުގަނޑުމެން ރައްޔިތުން އެބަޖެހެޔޭ މިރާއްޖޭގައި އަދުލުއިންސާފު ގާއިމުކުރުމަށް ފޫގަޅައިގެން ތިބި ފަނޑިޔާރުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮލަދޭން. މިކަމަށް އަޅުގަނޑުމެން އެބަޖެހޭ ނުކުންނަން. މިވާހަކަ ބުނީމާ މާދަމާ އަނެއްކާ އަނެއް ނޫސްބަޔާން، ހަމަ ރަނގަޅަށް މިދަންނަވަނީ ދެން ނޫސްބަޔާނެއް ނެރުނަސް އަނެއްކާ ވެސް ދައުވާ ކުރާނަން، ހަމަ ކުރާނަން. ނުވެސް ހުއްޓާނަން،"

އިބްރާ ވިދާޅުވީ އޭނާ މިހެން ވިދާޅުވުމުން ސުޕްރީމް ކޯޓުން ނޫސްބަޔާނެއް ނެރެފި ނަމަ އެކޯޓާ ދެކޮޅަށް އަނެއްކާ ވެސް ދައުވާ ކުރައްވާނެ ކަމަށެވެ.

މި މަހު ދެވަނަ ދުވަހު ކ. ތުލުސްދޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް އިބްރާ ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ދުވަހު އިބްރާ ދެއްކެވި ވާހަކަތަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އޭނާޔާ ދެކޮޅަށް ބަޔާނެއް ނެރުއްވާފަ އެވެ. އަދި އިބްރާ ވަނީ އެބަޔާން ނެރެފަވާތީ ސުޕްރީމް ކޯޓާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވައިފަ އެވެ.

ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވަނީ އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Ibrahim Ismail (mp3)