06 Dec 2018, 01:05
އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް ކަމަކީ މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރި ވިއްސާރައިގައި މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާއިރު އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މިއަދު މާލޭގައި ފެންބޮޑުވެފައިވަނީ މީގެ ކުރިން ދުވަހަކު ވެސް ނުވާ ވަރަށް ކަމަށާއި އެކަމުގެ ސަބަބުން ވެސް ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެންނަން ޖެހޭ ކަމަށެވެ.
"އެންމެ އިސްކަމެއް ދީގެން ކުރާ އެއްކަންތައް ގޮތުގައި އަޅުގަނޑުމެން މިކަން [މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ] ކުރާނަން،" ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި އަސްލަމް ވިދާޅުވި އެވެ.
ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެއްވެސް ރައްޔިތަކު ތަކުލީފްތަކެއް އުފުއްލަން މިއަދުގެ ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ، މިއަދުގެ ވިއްސާރާގައި ގިނަ ރައްޔިތުންތަކެއް ގޭގެއިން ނިކުންނަން ނުޖެހުނު ނަމަވެސް ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައި ހުއްޓާ ފެނުނު ކަމަށެވެ.
"ގޭ ގޭގައި ރައްޔިތުން ނިދި ނަމަވެސް އެ ތިއްބެވި ބޭފުޅުން ވަރަށް އުނދަގުލުގައި އުޅުއްވާނެ އާއިލާތައް އުޅޭނެ ކަން އަޅުގަނޑުމެނަށް ޔަގީން. އެހެން ކަމުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތެއްގެ ގޮތުގައި މިކަން ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.
މާލޭގެ މަގުތަތުގައި ފެން ހިންދާނެ ވަސީލަތްތަކެއް ނެތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ފެން ހިންދަން ޖެހެނީ ޕަމްޕު ބޭނުންކޮށްގެން ކަމަށެވެ. އަދި ފެން ހިންދުމުގައި ގިނަ ވަގުތުތަކެއް ނަގަނީ ޕަމްޕުތަކަށް ނުކަތާ ވަރަށް ފެން ބޮޑުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލް އަދި ލިބިފައި ނުވާ ކަމަށާއި މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ ފެންބޮޑުވުމުގެ ސަބަބުން ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުގެ ބެލުމުގެ ދަށުގައި ތިބި ދެ އާއިލާ ގެސްޓު ހައުސްއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.