05 Dec 2018, 20:42
މިއަދު މާލެއަށް ކުރި ވިއްސާރާގައި 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ކަލާފާނު ސުކޫލަށް ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ފެންގަނޑު ހިންދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ފަރުދުން ނިކުމެ ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
މިއަދު ކުރި ވިއްސާރާގައި ހެދުނު ފެންގަނޑު ހިންދުމަށް ދަތިވީ ޕަމްޕްތައް ހަލާކުވެފައި ހުރުމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފެން ހިއްކުމަށް ހުރި މެކޭނިކަލް ޕަމްޕްތައް ހަލާކުވެފައި ހުރުމުގެ ސަބަބުންނޭ ކުއްލިއަކަށް އެއަށް އެޓެންޑް ނުވެވުނީ. އެއީ އާންމުކޮށް މާލޭގައި ފެން ހިއްކުމަށް ހަމަޖައްސާފައިވާ ނިޒާމް އެ ހަލާކުވެ މަސައްކަތް ނުކުރުމުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.
ވިއްސާރައިގެ ސަބަބުން އެހީތެރިކަމަށް އެދެމުން އަންނަ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިހާތަނަށް ރިކޯޑް ކުރެވިފައި އޮތް ގޮތުން 160 އާއިލާއަކަށް އަސަރުކޮށް އެހީއަށް އެދިފައި އެބައޮތް. މީގެ ތެރެއިން އެއް އާއިލާއެއް އެލޮކޭޓްކޮށް ބަލަހައްޓްމުން މި ދަނީ،" ރައީސް ވިދާޅުވި އެވެ.
މިރޭ 10:00 ގައި ވާރޭ ވެހޭނެ ކަމަށް މެޓު އޮފީހުން ލަފާކުރާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި މިހާރު ކުރާ މަސައްކަތުން ދޭއް ނުވަތަ ތިން ގަޑިއިރު ތެރޭ ފެންގަނޑު ހިންދާލެވޭނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވަނީ މިރޭ ކަލާފާނު ސުކޫލްގެ އިތުރުން ކަލުތުއްކަލާ ކޮށި އަދި ޑިޒާޒްސްޓާ މެނޭޖެމެންޓް ސެންޓަރަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާ ގޮތްތައް ބައްލަވާލައްވާފަ އެވެ.