05 Dec 2018, 20:52
މާލެއަށް މިއަދު ކުރި ވިއްސާރައިގަ ފެންބޮޑުވުމުގެ ސަބަބުން ދެ ގެ އަކުން މީހުން ހުސްކުރަން ޖެހުނު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާލެއަށް ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާއަށް ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، މިއަދު ހެނދުނުން ފެށިގެން 149 މިލި ލީޓަރުގެ ވާރޭ ވެހުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް އެމްއެމްއެންޑީއެފުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމުން އަންނަ ކަމަށެވެ.
އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އަމީނީ މަގާއި މާފަންނުގެ ސަރަހައްދުތައްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ 14 ތަނެއްގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކާބޯތަކެތި ރައްކާތެރި ކޮށްފައި ހުންނަ ތަންތަނަށް ފެންވަނުން ހުއްޓުވުމަށް ވެލި ބަސްތާ ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ.
"ދެ ގެ އަކުން މީހުން ނެރެން ޖެހޭ ހާލަތައް ވެސް އަޅުގަނޑުމެން ހިނގައްޖެ ފެންބޮޑުވެގެން އެކަމުގައި،" މާރިޔާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ އެ ސެންޓަރުގެ ބެލުމުގެ ދަށުން ދެ ގެއިން ނެރުނު މީހުންގެ ކަންކަން ބަލަހައްޓަމުން އަންނަ ކަމަށެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދު ތަކަށް ވެސް ބޯކޮށް ވާރޭ ވެހެމުން އަންނަކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ، އެ ރަށްތަކުން ވެސް އެހީތެރިކަން ބޭނުންވެއްޖެ ހާލަތައްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އޮތީ ތައްޔާރަށް ކަމަށެވެ.