05 Dec 2018, 21:31
ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަޚްތަރު ޙަބީބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ބަންގްލަދޭޝް ސަފީރު އެމަނިކުފާނާއި ބައްދަލުކޮށްލެވުމަށް ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުން ހަދިޔާކުރެއްވި ހެޔޮ ބަސްފުޅުތަކަށް މަރުޙަބާ ވިދާޅުވި އެވެ.
އަދި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައި ދޭދޭ ގުޅުން ގާއިމުކުރީއްސުރެ، ދެގައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި އެތައް އަހަރެއްވީ މިގުޅުމަކީ އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މައްޗަށް ބަރޯސާވެފައިވާ ގުޅުމެއްކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަންވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވަނީ ދެ ގައުމަށް ފައިދާހުރި ކަންކަމުގައި ބަންގްލަދޭޝްގެ ސަރުކާރާ އެކީ ރާއްޖެއިން ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ސަފީރަށް ދެއްވާފައެވެ.
މިބައްދަލުވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ރައީސް ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި، ބަންގްލަދޭޝްގެ ސަފީރު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާބެހޭގޮތުން ރައީސު ސޯލިހާ މަޝްވަރާކުރައްވައިފަ އެވެ.