05 Dec 2018, 17:18
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ހުއްދަ ދޭ އުސޫލު ބަދަލުކުރާނެ ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ސިޔާސަތުތަކުގެ ތެރެއިން ސިއްހީ ދާއިރާގެ ސިޔާސަތުތައް ހާމަކުރުމަށް މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އާ ސަރުކާރުގައި ހިންގުމުގެ ތެރެއަށް ފަންނީ މީހުން ގެނެސް ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ބެލި ބެލުމުގައިވެސް ފާހަގަކުރެވޭ ނަރުހުންގެ ހިދުމަތްދޭ ބޭފޫޅުންގެ ފެންވަރުގެ މައްސަލަތައް ހުންނަކަން. އަޅުގަނޑުމެން ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒުކުރާނަން ނަރުހުންނާއި ޑޮކްޓަރުން އަދި ބޭރުން ހޯދާ ޑޮކްޓަރުން ވިޔަސް މިހާރުވެސް މިންގަނޑުތަކެއް އެބަހުރި ޑޮކްޓަރުން ރެކްރޫޓްކުރުމަށްފަހު ހަދަން ޖެހޭ ތަމްރީންތަކާއި ބައިވެރިވާންޖެހޭ އިމްތިހާންތައް އެބަހުރި" އަމީން ވިދާޅުވިއެވެ.
ނަރުހުންނާއި ޑޮކްޓަރުން ޕްރައިވެޓް ރެކްރޫޓްކުރާ އޭޖެންސީތައް މެދުވެރިކޮށް އެކަން ކުރުމުން ނަރުހުންގެ ފެންވަރު ބެލުމުގައި މައްސަލަތައް ދިމާވާކަމަށާއި އެހެންކަމުން އެގޮތުން ނަރުހުން ރެކްރޫޓްކުރުމަށް ގެންގުޅޭ އުސޫލުތަކަސް ބަދަލުގެނެސް ފެންވަރު ރަނގަޅު މީހުން ލިބޭނެ ނިޒާމަކަށް ހައްދަވާނެކަމަށް އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި ނަރުހުންގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ވަރަށް އަވަހަށް ވަޒީފާތައް ހުޅުވާލާނެ ކަމަށާއި އަދި ނަރުހުންގެ އިނާޔަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ސަތޭކަ ދުވަސްތެރޭ ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށްރަށަކަށް އެމްބިއުލެންސްގެ ހިދުމަތް ތައާރަފްކޮށް އިމެޖެންސީ ކެއާގެ ވަރުގަދަ ނިޒާމެއް ގާއިމްކުރުމަށް ހަަމޖެހިފަިއވާ ކަމަށް އަމީން ވިދާޅުވިއެވެ.