ޓެކްސީ ޑްރައިވަރުން ޓެކްސީ ޕާކުކޮށްފައި ނުބާއްވައި ޚިދުމަތަށް ނިކުތުމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ގޮވާލައްވައިފިއެވެ.

މިނިސްޓަރު ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯކޮށް ވާރޭ ވެހެމުންދާތީ ޓެކްސީ ދަތުރު ކުރާ ފަރާތްތަކުން ޓެކްސީ ޕާކުކޮށްފައި ނުބާއްވައި އާންމުންގެ ޚިދުމަތަށް ނިކުތުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން މަގުތައް ބޭނުންކުރުމުގައި ދުއްވާމީހުންނާއި ހިނގާ މީހުން އިތުރަށް ސަމާލުވުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ. ނަހުލާގެ ޓްވީޓުގައި ޕާކު ކުރުމުގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ގެއްލުންވެފައިވާއިރު ވެހިކަލް ދުއްވާއިރު އުފެދޭ ބާނީގެ ސަބަބުން ގިނައަދަދެއްގެ ސައިކަލުތައް މަގުމައްޗަށް ވަނީ ވެއްޓިފައެވެ.

މިއަދު މާލެއަށް 140 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް މެޓް އޮފީހުން ބުންޏެވެ.