05 Dec 2018, 15:38
މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އެވޯޑު މި މަހު 11ގައި ބޭއްވުމަށް ނިންމައިފި އެވެ.
"ނޫސްވެރިކަމުގެ އިނާމު 2017" ދިނުމުގެ އިތުރުން މި ހަފްލާގައި ވަނީ ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ވެސް ނިންމައިފަ އެވެ. ހަފްލާ ބޭއްވުމަށް ނިންމާފައި ވަނީ ދަރުބާރުގޭގަ އެވެ.
ނޫސްވެރިކަމުގެ އިނާމު ދެވޭ ދާއިރާތައް:
އިޖުތިމާއީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުއީ އަދި ގާނޫނީ ދާއިރާ
- ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
- ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ
- ފީޗާ ލިޔުމުގެ ދާއިރާ
އެ އަށް އެވޯޑުގެ އިތުރުން ލައިފް ޓައިމް އެޗީވުމަންޓް އިނާމާއި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީޑިއާ ކައުންސިލުން ބުނީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަލިމަސް ޝަރަފު ގަލަން، އަލިމަސް ގަލަން އަދި ރަން ގަލަން ދިނުމަށް އެ ހަފްލާގައި ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ނެރެން ފެށީ އަލްއިސްލާހު މަޖައްލާ އެވެ. އެ މަޖައްލާ ފުރަތަމަ ނެރުނީ 5 ޖޫން 1943 ގަ އެވެ.