ސިރްތު (ސެޕްޓެމްބަރ 30) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ސަރުކާރުގެ ރަސްމީ ތަރްޖަމާން ޑޮކްޓަރ މުސާ އިބްރާހީމް، ލީބިޔާގެ ހަނގުރާމަވެރިންގެ އަތްދަށުގައި ހައްޔަރުވެއްޖެވެ. މޫސާ އިބްރާހީމް ހައްޔަރުކުރީ ލީބިޔާގެ އައްސޭރިފަށުގެ ރަށެއްކަމަށްވާ ސިރްތުގެ ރައްބޭރުގައި އަންހެނެއްގެ ހެދުމުގައި ފިއްލަވައިގެން އުޅުއްވަނިކޮށް ކަމަށް ހަނގުރާމަވެރިންގެ ފީލްޑް ކޮމާންޑަރެއް ކަމަށްވާ މުސްތަފާބިން ދަރްދުފް ވިދާޅުވިއެވެ.

މޫސާ އިބްރާހީމަކީ ގައްޒާފީއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ޖަރުމަނު އަންހެނާ ކައިވެނި ކުރައްވައިގެން އުޅުއްވާ މޫސާ އިބްރާހީމަކީ ލީބިޔާގެ ރައްޔިތެއްގެ އިތުރުން އިނގިރޭސި ޕާސްޕޯޓްވެސް އޮންނަ އިނގިރޭސި ރައްޔިތެއްވެސް މެއެވެ. މޫސާ އިބްރާހީމަކީ އިނގިރޭސިވިލާތުން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެއްވެސް މެއެވެ. މިދިޔަ އޮގަސްޓްމަހުގެ 23 ވަނަ ދުވަހު ލީބިޔާގެ ހަނގުރާމަވެރިން ޓްރިޕޮލީއަށް ވަދެ ގައްޒާފީގެ ސަރުކާރު ވައްޓާލަންދެން މުސާ އިބްރާހީމް ހުންނެވީ އެސަރުކާރުގެ ތަރްޖަމާނެއްގެ ގޮތުގައެވެ.

ސިރްތަކީ ގައްޒާފީގެ އުފަންރަށެވެ. ގައްޒާފީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިއޮތް ސިރްތު ހިފުމަށްޓަކައި ކުރަމުންގެންދާ ހަނގުރާމައިގާ އެރަށުގެ ބޮޑުބައަކާއި އެރަށުގެ އެއަރޕޯޓްވަނީ ހަނގުރާމަވެރިން އަތްދަށަށް ގޮސްފައެވެ. ގައްޒާފީގެ ސަރުކާރު ވެއްޓުމަށްފަހުވެސް އެސަރުކާރުގެ ނަމުގައި މޫސާ އިބްރާހީމް ބަޔާންތައް ދެއްވަމުން ގެންދަވާފައިވެއެވެ. (ރޮއިޓާސް)