05 Dec 2018, 14:16
ބިޑަކާ ނުލާ ރަށްތައް ދޫނުކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި އިސްލާހު ބަލައިނުގަތުމަށް 42 މެންބަރަކު ވޯޓުދެއްވި އެވެ.
ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް ބިޑް ކުރުމެއް ނެތި ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ. ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށް، ބިން އަދި ފަޅުތައް ކުއްޔަށް ދޭން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑަޅާ އުސޫލުތަކެއް މަތިން ކަމަށާއި އެ ތަންތަން ދޭން ވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ކަމަށެވެ.
މީގެ އިތުރުން، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރާ ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ އަދަދާއި އެ ތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާ އެކު ޓޫރިޒަމް މިނިސްޓްރީން އާންމުކުރަން ޖެހޭނެ ކަމަށާއި ރައީސް އޮފީހުގެ ހުއްދައާ އެކު ޓޫރިޒަމް މިނިސްޓްރީއަށް އެ ލިސްޓަށް ބަދަލު ގެނެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ބިޑް ކުރުމެއް ނެތި، ޓޫރިޒަމް ތަރައްގީކުރަން ރަށްތަކާއި ބިންތައް އަދި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވި އެވެ. އަދި އެކަމާ ވެރިކަން ކުރާ ކޯލިޝަނުން ދެކޮޅު ހެދި އެވެ. މިހާރު މަޖިލީހުގައި މެޖޯރިޓީ އޮތީ ކޯލިޝަނުގައި ކަމަށް ވުމުން އެ ބިލު ފާސް ވާނެ ކަމަށް ބެލެވުނެވެ.
ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވިދާޅުވީ ބޭނުން ވަނީ ޓޫރިޒަމް ގާނޫނުގެ ތަންތަންކޮޅު އިސްލާހުކުރުމުގެ ބަދަލުގައި މުޅި ގާނޫނަށް އެކީ އެކައްޗަކަށް އިސްލާލު ގެންނަން ކަމަށެވެ.
ނަމަވެސް އެ ގާނޫނު މިހާރު އޮތްގޮތަށް އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއްކަމަށް އެ މެންބަރުން ފާހަގަ ކުރެއްވި އެެވެ.
އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބޮޑެތި ހުރިހާ ކޮރަޕްޝަނެއް ހިންގީ ރަށްތައް ބީލަމަށް ނުލައި ހޭންޑް ޕިކްކޮށްގެން ކަނޑައެޅޭ ބަޔަށްދީގެން ހިންގި ކޮރަޕްޝަންގެ ތެރެއިންނެވެ.
އެމްއެމްޕީއާރުސީގެ ކަރަޕްޝަން 78 މިލިއަން ޑޮލަރު (1،202 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް އޮޑިޓް ރިޕޯޓުން ދައްކަ އެވެ.