ބެއިޖިންގ (ސެޕްޓެމްބަރ 30) : ފަޒާގައި ދާއިމީ ސްޓޭޝަނެއް ބިނާކުރުމަށް ބޭނުންވާ ތަޖްރިބާތަކެއް ކުރުމުގެ ގޮތުން ޗައިނާއިން ފަޒާއަށް އުޅަދެއް ފޮނުވައިފިއެވެ. "ތިޔާންގޮންގ" ނަމަކަށް މި އުޅަނދު މިއަދު ޖައްވަށް ފޮނުވާލީ ޗައިނާގެ ހުލަނގު އުތުރުގެ ޖެންސޮން ޕްރޮވިންސްގައި ހުންނަ ޖިޔޮކުވާން ޖައްވީ މަރުކަޒުންނެވެ.

8.5 ޓަނުގެ ބަރުދަންހުރި މި އުޅަނދު ޖައްވަށް ފޮނުވާލީ "ލޯންގްމާޗް" ނަމަކަށްކިޔާ ބިޔަ ރޮކެޓަކުންނެވެ. މިއުޅަނދު ޖައްވުގައި ޙަރަކާތްތެރިވަމުންދާނީ ބިމުގެ ސަތަހް އިން 350 ކިލޯމީޓަރު އުހުގައި ވާ އޯބިޓެއްގައެވެ. މިއުޅަނދާ އެއްކޮށްލުމަށްޓަކައި "ޗެންޗޫ 8" ގެ ނަމުން ނަންދެވިފައިވާ އެހެން އުޅަނދެއް ވަރަށް އަވަހަށް ޗައިނާއިން ޖައްވަށް ފޮނުވާނެއެވެ. އެއަށްފަހު މިދެއުޅަނދު އޮޓަމެޓިކުންގުޅި ލާމެހިގެންދާނެއެވެ. މިއީ 2020 ވަނަ އަހަރާ ހަމައަށްދާއިރު ފަޒާގައި ދާއިމީ ސްޓޭޝަނެއް ބިނާކުރުމަށް ޗައިނާ ރާފާފައިވާ ޕްލޭނެއްގެ ދަށުން ކުރިޔަށްގެންދާ ކަމެކެވެ.

ޗައިނާގެ ޖައްވީ އުޅަނދު ފޮނުވުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ވިންގޖިޔާބާއޮ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޗައިނާގެ ފަޒާގެ ދަތުރުތައް ބަލައި ދިރާސާކުރާ މަރުކަޒުގައި ހުންނަވައިގެން ޗައިނާގެ ރައީސް ހޫޖިންޓާއޮ ވެސް މިއުޅަނދު ޖައްވަށް ފޮނުވާލިތަން ބެއްލެވި ކަމަށް ޗައިނާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ރަޝިޔާއާއި އެމެރިކާއަށްވުރެ މާފަހުން ޖައްވީ ސައެންސަށް ވަން ޗައިނާ މިރޮނގުން މިހާރުވަނީ އެދެޤައުމާ ވާދަކުރަން ފަށާފައެވެ. (ރޮއިޓާސް+އަލްޖަޒީރާ)