05 Dec 2018, 13:23
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ރާއްޖެއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން ބަލައި ދިރާސާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ.
އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހަފްތާ ތެރޭގައި ވަޒީރުންގެ މަޖިލީހުން ވަނީ ކޮމަންވެލްތުގައި އަލުނ ބައިވެރިވުމަށް ނިންމާފަ އެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު، މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީން އިއްޔެ ވަނީ އެ ޖަމިއްޔާގައި ބައިވެރިވާން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.
އެހެން ނަމަވެސް އެގޮތަށް ނިންމުމަށް ގައުމީ ސަލާމަތު ކޮމިޓީން ބޭއްވި ބައްދަލު ކުރިއަށް ދިޔައީ އެންމެ 10 މިނިޓަށެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމުގެ މަރުހަލާގައި މެމްބަރު އާޒިމް ވަނީ އެހާ ހައްސާސް މައްސަލައެއް ދިރާސާކުރުމަށް ކޮމިޓީން އެންމެ 10 މިނިޓު ހޭދަކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އާޒިމް ތުހުމަތުކުރެއްވި ގޮތުގައި، ކޮމިޓީން އެ މައްސަލަ ރަނގަޅަށް ދިރާސާއެއް ނުކުރެއެވެ.
"އަޅުގަނޑުމެން ބަލާލަން ޖެހޭ ކޮމަންވެލްތުން ވަކިވީމަވީ ކޮންކަހަލަ ބޮޑެތި ގެއްލުންތަކެއްތޯ. ކިތައް ކުދިންނަށް މަތީ ތައުލީމަށް ކިޔެވުމުގެ އެހީ ގެއްލުނުތޯ. ޓެކްނިކަލް އެހީ މި ގައުމަށް ނުލިބި ހިނގައްޖެތޯ. ކިހާވަރެއްގެ ފައިސާގެ ގެއްލުމެއް ދައުލަތަށް ލިބިއްޖެތޯ، މިއީ ކޮމިޓީން ބަލައި ދިރާސާކުރަންޖެހޭ ކަންކަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ކޮމަންވެލްތުން ވަކިވުމުގެ މައްސަލައިގައި އިހުމާލުވި ފަރާތެއް ވާނަމަ އެފަރާތަކާ މެދު ފިޔަވަޅުވެސް އަޅަންޖެހޭ ކަމަށެވެ. އަދި ކޮމިޓީއަށް މީހުން ހާޒިރުކޮށް ކަންކަން ހިނގި ގޮތް އޮޅުންފިލުވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮމިޓީތަކުން މިއަށް ވުރެ ޒިންމާދާރުކަން ބޮޑު ގޮތެއްގައި، ދެފުށް ފެންނަ ގޮތެއްގައި އަދި ފުޅާ ދާއިރާއެއްގައި ކަންކަން ބަލައި ދެނެގަނެ، ވާހަކަދައްކައި މަޝްވަރާކޮށްގެން މެނުވީ މިފަދަ މުހިންމު ބޮޑެތި ކަންކަން ނިންމާނުލެވޭނެ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އޭނާ ގަބޫލުކުރައް ވަނީ ރާއްޖެ ކޮމަންވެލްތުން ވަކިކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމެވީ ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެގޮތަށް އަމަލުނުކުރަންވެގެން ކަަމަށް ކަމަށެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެ ކޮމަންވެލްތުން ވަކިވީ ރާއްޖެއަށް އެކި ގޮތްގޮތުން ގޮންޖެހުންތަކާއި ނުފޫޒުތައް ކުރިމަތިކުރުވައި، އެކި ކަންކަން ކުރުމަށް މަޖުބޫރުކުރުވަމުން ދާތީ ކަމަށެވެ.
"އެ މަޖުބޫރުކަމުގައި ދިވެހި ރައްޔިތުންނަށް އޮންނަނީ އެތައް ކަމެއް ލާޒިމުކުރުވާފައި. ހުޅަނގުން ގަބޫލުކުރާ ބައެއް ހައްގުތައް ވެސް ތަންފީޒުކުރަން މަޝްވަރާކުރި،" ޑރ. ޚަލީލް ވިދާޅުވި އެވެ.
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ގައުމީ ސަލާމަތު ކޮމިޓީން ނިންމާފައިވާ އިރު، ކޮމިޓީގެ ނިންމުމާ މެދު މަޖިލީހުން ގޮތެއް ނިންމުން މިއަދު މެންދުރު އޮންނާނެއެވެ.
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައިވާ އިރު، ކޮމަންވެލްތުގައި ބައިވެރިވެވޭނީ ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަމަންޓްސް މީޓިންގްއަކުން އެގޮތަށް ފާސްކުރުމުންނެވެ. ދެން އެންމެ އަވަހަށް ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓްސް މީޓިންގެއް އޮންނާނީ 2020 ވަނަ އަހަރު އެވެ.
އެހެން ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވެފައި ވަނީ ކޮމަންވެލްތުގައި ބައިވެރިވާން އެދި ރާއްޖެއިން އެޖަމިއްޔާއަށް ލިޔުން ފޮނުވާ ހިސާބުން، އެ ޖަމިއްޔާގެ އެކި ހަރަކާތްތަކުގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.