މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ 15 މީހަކު ޝަރީޢަތުން ހުކުމެއް ކަނޑައެޅުމުގެ ކުރިން ވީއްލި، މުޖުތަމައުގެ ތެރޭގައި އުޅެމުންދާ ކަމަށާއި އެމީހުންގެ މައްޗަށް ޝަރީޢަތް ކުރެވޭނެ ދުވަހެއް އެނގެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ހަފްތާގެ ރޭޑިއޯ ޚިތާބުގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ގިނަ ބަޔަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައިވީ ނަމަވެސް އެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ 15 މީހަކު އަދިވެސް މުޖުތަމައުގެ ތެރޭގައި އެ އަމަލު ހިންގުމުގައި އުޅެމުންދާ ކަމަށެވެ.

"ފުޅާ ދާއިރާއެއްގައި މި ވިޔަފާރިކުރާ 15 މީހަކު މިހާރު ވެސް ޝަރީޢަތުން ހުކުމެއް ކަނޑައެޅުމުގެ ކުރިން ބަންދުން ވީއްލި މުޖުތަމަޢު ތެރޭގައި މި ޢަމަލު ތަކުރާރުކުރޭ. އެމީހުންގެ މައްޗަށް ޝަރީޢަތް ކުރެވޭނޭ ދުވަހެއް ވެސް އެނގޭނޭ ގޮތެއް ވެސް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހަމައެކަނި ކްރިމިނަލް ކޯޓުން ބަލާ ގޮތަށް އޮތުމުން އެތައް ބައެއްގެ މައްސަލަ ނުހިނގާ ގިނަ ދުވަސްތަކެއް ވަންދެން ގޮތެއް ނުނިމި ޝަރީޢަތުގައި އެބަހުރި ކަމަށެވެ. އަދި އޭގެ ސަބަބުން އެކުށް ތަކުރާރު ކުރުމަށް އެ ފަރާތްތަކަށް ފުރުސަތުލިބޭ ކަމަށާއި ރަށްރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންގެ މައްސަލަތައް އެ ރަށެއްގެ ކޯޓުން ބެލޭ ގޮތަށް ގާނޫނެއް އިސްލާހުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދަޢުވާއެއް އުފުލެން އަންނަނީ، ތަހުގީގު ފުރިހަމަވެގެން ކަމަށްވާތީ، މިކަމަށް ވަރަށް ގިނަ ދުވަސް ހޭދަވާކަމީ ހެކިބަސް ދޭ ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބި، ހެކިބަދަލުކޮށް، ދޮގު ހެކި އުފެއްދުމުގެ ފުރުސަތު ލިބިގެންދާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެއްބާވަތެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކިއެކި ފަނޑިޔާރުންގެ މެދުގައި ހުކުމްކުރާއިރާއި ބަންދުގެ މުއްދަތު އިތުރުކުރުމުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުންނަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޝަރީޢަތަށް ހުށަހަޅާ ހެއްކާ ގަރީނާތައް ބެލުމުގައި އަމަލު ކުރަން ޖެހޭ ވަކި އުސޫލެއް ނެތުމުން ސައިންޓިފިކް ހެކިތަކާއި އެހެނިހެން ހެއްކާއި ޤަރީނާތަކުގެ ބާރު ކެނޑި، ބޮޑެތި މައްސަލަތަކުގައި ކުށް ސާބިތުނުވުމަކީ މައްސަލައެއް ކަމަށެވެ.

"މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކުގެ އަތުން އަތުލެވޭ ގިނަ ޢަދަދެއްގެ ފައިސާ އަދި ފައިސާ ރައްކާކުރާ ނުސީދާ ގޮތްގޮތާއި، މުދާ ހޯދާފައިވާ ގޮތެއް ޝަރީޢަތުގައި ސާފުކޮށްދޭން ނުޖެހޭތީ، މިފަދަ މައްސަލަތައް ޝަރީޢަތުގައި ސާބިތުނުވޭ،" ރައީސް ވިދާޅުވި އެވެ.