ޖަޕާނާއި ރާއްޖެއާ ދެމެދު މިލިޓަރީ އަދި ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކޮށް ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރު އަދި ޕާލިމެންޓް މެންބަރު ކެންޓަރޯ ސޮނޮއުރާ އާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގަި އޮތް ގުޅުމާގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދުގައި 1967 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި މިގުޅުމަކީ އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މައްޗަށް ބަރޯސާވެފައިވާ ގުޅުމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން އިރުމަތީ އޭޝިޔާ ސަރަޙައްދުގައި ޤާއިމު ކުރި ފުރަތަމަ އެމްބަސީ ޤާއިމުކޮށްފައިވަނީ ޖާޕާނުގައިކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މިކަމުން ވެސް ރާއްޖެއިން ޖަޕާނަށް ދޭ އަހައްމިއްޔަތު އެނގިގެންދާކަމަށެވެ. ރައީސް ވަނީ ޖަޕާނުން އަބަދުވެސް ރާއްޖެއަށް ދޭ އެހީތެރިކަމަށް ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ވާހަކަފުޅުދައްކަވަމުން ކެންޓަރޯ ސޮނޮއުރާ ވަނީ ރައީސް ސޯލިހަށް މަރުހަބާ ދަންނަވައިފައެވެ. ރާއްޖެއާއި ޖަޕާނަކީ ގިނަ ކަންކަމުގައި ޚާއްޞަކޮށް ބައިނަލްއަޤްވާމީ ކަންކަމުގައި އެއްގޮތް ވިސްނުންގެންގުޅޭ ދެ ޤައުމުކަން ކެންޓަރޯ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގއި ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.