30 Sep 2011, 01:26
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދުމަށް މަސައްކަތްޕުޅު ކުރައްވާ ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ގެ އަސާސީ ގަވާއިދުގައި ހިމެނުމަށް އެ ޕާޓީގެ މެންބަރުން ހުށަހަޅާފައިވާ 17 އިސްލާހެއް ޕާޓީ އުފައްދާ ވަގުތީ ކޮމެޓީއަށް ފޮނުވައި، އެ އިސްލާހުތަކާ މެދު މަޝްވަރާކުރާނެ ކަމަށް އެ ކޮމެޓީން ބުނެފި އެވެ.
އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ވެސް ކުރާ މައުމޫން ހޮއްވެވި 10 މެންބަރުންގެ ކޮމެޓީއަށް އާންމު މެންބަރުން ހުށަހެޅީ އެ ޕާޓީން މިރޭ ދަރުބާރުގޭގައި ބޭއްވި އަސާސީ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފޯރަމްގަ އެވެ.
ގިނަ އަދަދެއްގެ މީހުން ބައިވެރިވެ، ހިޔާލު ފާޅުކުރި އެ ފޯރަމްގައި ވަގުތީ ކޮމެޓީއަށް ފޮނުވައި މަޝްވަރާކުރަން ނިންމާފައިވާ ހިޔާލުތަކަކީ މުޒާހަރާ ކޮމެޓީއެއް އުފެއްދުމާއި ކައުންސިލްގައި އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރުމާއި ކައުންސިލްގައި މަޖިލިސް މެންބަރުންނާއި ރަށު އަދި އަތޮޅު ކައުންސިލްތަކުގެ މެންބަރުން ތިބުން މަނާކުރުމާއި ލީޑަޝިޕާއި އާންމު މެންބަރުންނާ އެކު ވަކި ގަވާއިދަކުން ޖަލްސާތައް ބޭއްވުމަށް ލާޒިމްކުރުމާއި ޕާޓީގެ ޒައީމަކު ހުރުމާއި މައުމޫނުގެ ފަލްސަފާ ގަވާއިދުގައި ހިމެނުމަށާއި ޕާޓީގެ ގޮފިތަކަށް މެންބަރުންގެ ނިސްބަތަށް ބަލައިގެން ބަޖެޓް ހަމަޖެއްސުމާއި ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅުންނަށް ކައުންސިލުން ކޮނޑިތަކެއް ހާއްސަ ކުރުމާއި އަދި މެންބަރުންގެ އަތުން ޗަންދާއެއް ނެގުމަށް ހުށަހެޅުނު ހިޔާލެވެ.
އެ ހިޔާލުތައް އިއުލާންކުރެއްވުމަށް ފަހު ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަންމަދު ސައުދު ވިދާޅުވީ އަސާސީ ގަވާއިދު އެކުލަވާލުމުގައި މުޅިން އައު ހިޔާލުތަކަކެއް ލިބި މެންބަރުންގެ ވިސްނުން ހުރިގޮތް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި ނެތް އައު ހިޔާލުތަކެއް ލިބިގެން ހިނގައްޖެ. އަޅުގަނޑުމެން މި ހިޔާލުތަކައް ގަވާއިދު އެކުލަވާލުމުގައި ބަލާނަން،" ޑރ. ސައުދު ވިދާޅުވި އެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރަށް ކުރިއަށް ދިޔަ އެ ފޯރަމްގައި އާންމު މެންބަރުންގެ ހިޔާލު މައިގަނޑު ގޮތެއްގައި ތަފާތުވީ މަޖިލީހުގެ މެންބަރުން ކައުންސިލުގައި ހިމެނުމާ މެދު އެވެ. ހިޔާލުފާޅުކުރެއްވި ބައެއް ފަރާތްތަކުން އެކަމަށް ދެކޮޅު ހެދި އިރު އަނެއްބަޔަކު އެކަމަށް ތާއީދު ވެސް ކުރި އެވެ. ބައެއް ފަރާތަކުން ވަނީ ޕާޓީގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓު އިންތިހާބުކުރުމާއި ކައުންސިލުން ފާސްކުރުމެއް ނެތި މެންބަރުން ހުށަހަޅާ އިސްލާހުތައް ސީދާ ކޮންގުރެސްއަށް ފޮނުވައި ވޯޓަށް އެހުމަށް ހިޔާލު ހުށަހަޅާފަ އެވެ.
އެ ފޯރަމް ނިންމާލީ ޕީޕީއެމް އިން ލޯގޯ ކުރެހުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު 60 ލޯގޯއަށް ވޯޓުލުމަށް އާންމު މެންބަރުންނަށް ފުރުސަތު ހުޅުވާލިކަން އިއުލާންކުރަމުންނެވެ. އެ ޕާޓީން ބުނީ އެސްއެމްއެސް ވޯޓިންގެ އިތުރުން ޕާޓީގެ މައި ހަރުގޭގައި ލޯގޯއަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
ޕީޕީއެމް އުފައްދާ ވަގުތީ ކޮމެޓީގައި ހިމެނެނީ، މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫންނާއި ޕީއޭގެ ކުރީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޔާމީން އަބްދުލްގައްޔޫމާއި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާއި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ޑރ. މުހައްމަދު ސައުދާއި ކުރީގެ ރައީސް މައުމޫންގެ ކުރީގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންނެވެ.