ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އިން ފާސްކޮށްފި އެވެ.

ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ކެބިނެޓުން ނިންމީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ކެބިނެޓުން މި ނިންމުން ނިންމި ނަމަވެސް ރާއްޖެއަށް އަލުން ކޮމަންވެލްތުގައި ބައިވެރިވެވޭނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރު އޮކްޓޯބަރު 13 ގައެވެ. އޭރުގެ ސަރުކާރުން ބުނެފައި ވަނީ ކޮމަންވެލްތުން ވަކިވީ ރާއްޖޭގެ ދާހިލީ ކަންކަމާ އެ ޖަމްއިއްޔާ އިން ބެހި އިސްތިގުލާލަށް އަސަރު ކުރާ ކަމަށް ބުނެއެވެ.

ރާއްޖެ އިން ކޮމަންވެލްތުގައި ބައިވެރިވުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ފާސް ކުރީ ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ ވޯޓުންނެވެ.

ރާއްޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައި ވަނީ 1982 ވަނަ އަހަރު ޖުލައިމަހުގެ ނުވަވަނަ ދުވަހު އެވެ.

ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރަން ނިންމާފައިވާ ކަމެކެވެ.