04 Dec 2018, 22:39
އެކި ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށް ދޭ އެލަވެންްސް އަންނަ އަހަރު ފެށިގެން ހަމަހަމަވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ފިރިހެން ގައުމީ ޓީމުތަކަށްދޭ އެލަވެންސްގެ ފަރަގު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނައްތާލުމުގެ ވައުދު ފުއްދަވައިފި ކަމަށެވެ. ސްޕޯޓްސް ކައުންސިލުގެ ލަފަޔާއެކު އަންނަ އަހަރުން ފެށިގެން ޖިންސެއް އަދި ކުޅިވަރެއް ތަފާތުނުކޮށް ހުރިހާ ޓީމަކަށް 5000 ރުފިޔާ ލިބޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ކުޅިވަރު އެސޯސިއޭޝަންތަކަށް އަންނަ އަހަރުން ފެށިގެން ފަސް ލައްކަ ރުފިޔާ ދޭން ސްޕޯޓްސް ކައުންސިލުން ވަނީ ނިންމައިފައެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޮލިމްޕިކްސް ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމުގެ ވައުދު ފުއްދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.