ޕެރިސް (ޑިސެމްބަރު 4) : ފަރަންސޭސި ރައްޔިތުން ޕެރިހުގެ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖް ކުރަނީ އެމީހުންގެ އަތްމަތި ދަތިވެގެން ކަމަށް ވިދާޅުވެ ތެލާއި ތެލުގެ ބާވަތްތަކުން ނަގާ ޓެކްސް ވަގުތީ ގޮތުން ހުއްޓާލިކަން ފަރަންސޭސި ބޮޑުވަޒީރު އެޑުއަޑް ފިލިއްޕޭ އިއްލާން ކުރައްވައިފިއެވެ.

ތެލާއި ތެލުގެ ބާވަތްތައް އަގު ކުޑުކުރުމަށް ގޮވާލައި ފަރަންސޭސި ރައްޔިތުންގެ އެތައް ހާސްބަޔަކު ޕެރިހުގެ މަގުތަކަށް ނުކުމެ ފަރަންސޭސި ވެރިންނާ ދެކޮޅަށް އަޑުއުފުލައި ކުރަމުންގެންދާ މުޒާހަރާތަކަށް ތިން ހަފްތާވެފައިވާއިރު މިދިޔަ ހުކުރު ދުވަހުން ފެށިގެން މުޒާހަރާތައް އާދަޔާ ޚިލާފަށް ވަރުގަދަވެ މުޒާހަރާތަކުގައި ހަރަކާތްތެރިވާ އެތައް ހާސްބަޔަކުވަނީ ޕެރިހުގެ އެތަކެއް އިމާރާތެއްގައި ހުޅުޖަހައި ވެހިކަލްތައް ހަލާކުކޮށް ސަލާމަތީ ބާރުތަކަށް ހަމަލާދިނުމުގެ ހަރުކަށި އަމަލުތަކެއް ހިންގާފައެވެ.

މިމައްސަލަ ހައްލުކުރުމަށްޓަކައި ފަރަންސޭސި ބޮޑުވަޒީރު ވަނީ އެގައުމުގެ އިދިކޮޅު ލީޑަރުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ލަފާވެސް ހޯއްދަވައިފައެވެ. އިދިކޮޅު ފަރާތްތަކުގެ ލަފައާއެކު މުޒާހަރާކުރާ ފަރާތްތަކަށް ދޫދިންކަން އިއްލާންކުރައްވައި ދެއްވި ޚިތާބުގައި ބޮޑުވަޒީރު އެޑުއަޑް ފިލިއްޕޭ ވިދާޅުވީ ފަރަންސޭސި ރައްޔިތުންގެ ގިނަ ބަޔަކު ދިރިއުޅެމުންދަނީ އެމީހުންނަށް ލިބޭ އާމްދަނީން ދިރިއުޅުމުގެ ބޭނުންތައް ނުފުދި ވަރަށް ދަތިހާލުގައި ކަމަށާއި އެކަމަށް ރިޢާޔަތްކޮށް ސަރުކާރުން ދޫތަކެއް ދިނުމަށް ރައީސް އެމަނުއެލް މެކްރޯންގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

މިގޮތުން ތެލާއި ތެލުގެ ބާވަތްތަކުން ނަގާ ޓެކްސް ހަމަސް ދުވަސްވަންދެން ހުއްޓާލުމަށް ސަރުކާރުން ނިންމިކަމާއި އެކަން ތަންފީޒު ކުރަން ކަމާބެހޭ މުއައްސަސާތަކަށް އަންގާފައިވާނެކަން ފިލިއްޕޭ ހާމަކުރެއްވިއެވެ.

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ކުރިންވަނީ "ޔެލޯވެސްޓް" ހަރަކާތުގެ މުޒާހަރާތަކަކީ ހިންގަންނުޖެހޭ ހަރުކަށި އަމަލުތަކެއް ކަމަށް ސިފަކުރައްވައި އެމީހުންގެ ބޭނުންތަކަށް އިޖާބަ ދިނުމަށް އެތަކެއް ފަހަރަކު ދެކޮޅު ހައްދަވާފައެވެ. ނަމަވެސް "ޔެލޯވެސްޓް" ހަރަކާތުގެ މުޒާހަރާތަކަށް ފަރަންސޭސި އާންމުންގެ ކޮންމެ ދިހަމީހުންގެ ތެރެއިން ހަތްމީހުން ތާއީދުކުރާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވުމާއެކު މެކްރޯންވަނީ ގޮތްހުސްވެ ރައްޔިތުންގެ އެދުންތަކަށް އިޖާބަދިނުން ނޫންގޮތެއްނެތްކަން ގަބޫލުކުރައްވައި މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި އެމީހުންނާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.

ފާއިތުވި ތިން ހަފްތާގައި "ޔެލޯވެސްޓް" ހަރަކާތުން ކުރި މުޒާހަރާތަކުގެ ސަބަބުން އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ގެއްލުން ފަރަންސޭސި އިގްތިސާދަށް ކުރުމުގެ އިތުރުން އައު އަހަރާއި ކްރިސްމަސް ފާހަގަކުރުމަށްޓަކައި އެގައުމަށް ދިޔުމަށް ފަތުރުވެރިން ހަދާފައިވާ އެތައް ހާސް ބުކިންއެއް ކެންސަލް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)