ހދ. ކޭލަކުނާއި އެ އަތޮޅު ނޭކުރެންދޫ ކުޅި ހިމެނޭ ސަރަހައްދާއި ހއ. ބާރަށު ކުޅި ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭ މަޝްވަރާތައް މިއަދު ވަޒީރުންގެ މަޖިލީހުގައި ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ކޭލަކުނުގެ އިތުރުން ނޭކުރެންދޫއާއި ބާރަށު ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ހުށަހެޅުއްވި ކަރުދާހާ ގުޅޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާކަމަށެވެ.

ހދ. ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި، ހަމަ އެއަތޮޅު ނޭކުރެންދޫގެ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދާއި، ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދަކީ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަދުގެ ކެބިނެޓު ބައްދަލުުވުމުގައި މި މައްސަލައިގެ މުހިންމުކަން ފާހަގަ ކުރައްވަމުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޒުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއްރަށާއި، އެއް ފަރު އަދި އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެއްކަން ވަޒީރުން ވަނީ ފާހަގަ ކުރައްވައިފައެވެ.

އިގްތިސޯދީ ތަރައްގީއަށް ރަށްތައް ކަނޑައެޅިގެންދާއިރު، ތިމާވެށީގެ ހާއްސަ މާހައުލުތައް އެކުލެވޭ މިފަދަ ބައެއް ރަށްރަށާއި ސަރަހައްދުތައް، އަންނަން އޮތް ޖީލުތަކަށްޓަކައި ޙިމާޔަތްކުރެވި ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަން ވަޒީރުން ފާހަގަ ކުރެއްވި ކަމަށާި ތިލަދުންމައްޗަކީ ތިމާވެށީގެ ގޮތުން މުއްސަނދި މާޙައުލުތަކެއް އެކުލެވިގެންވާ ސަރަހައްދެއް ކަން ވަޒީރުން ފަހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ތިމާވެށި ޤާނޫނުގެ ދަށުން މި ދެ އަތޮޅުގައި މިހާތަނަށް އެއްވެސް ސަރަހައްދެއް ނުވަތަ ތަނެއް ޙިމާޔަތް ކުރެވިފައި ނުވާކަންވެސް ވަޒީރުން ފާހަގަ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޭލަކުނާއި، ނޭކުރެންދޫގެ ކުޅިހިމެނޭ ސަރަހައްދާއި، ބާރަށުގެ ކުޅިހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ތިމާވެށީގެ ތަރިކަ ރައްކާތެރި ކުރުމަށްޓަކައި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ މުހިންމު ވައުދެކެވެ.