ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ވ. ފުލިދޫ ރައްޔިތުން ލަފާ ފުރުމަށް އޮންނަ ހަމައެކަނި ޖެޓީ ތަބުތައް ވެއްޓި، ދަތުރު ފަތުރު ކުރުން މުޅިންހެން ހުއްޓިއްޖެއެވެ.

ފުލިދޫ ކައުންސިލްގެ ރައީސާ ސަނާ އަލީ ވާފިރު މިއަދު "ސަން" އަށް ވިދާޅުވީ، އެރަށު ޖެޓީއަށް އަށް އެންމެ ފުރަތަމަ ގެއްލުންވީ، މިދިޔަ އޭޕްރީލް މަހު ލިލީ އެންޓަޕްރައިޒަސްގެ މުދާ އުފުލާ "މެގްނަމްބޯޓް" އިން ދިޔަވަރު ހިކުނު އިރު ވާއައްސާފައި އޮތުމުން ޖެޓީ އާ ޖެހިގެން އަރިއަޅާލުމުން ކަމަށެވެ.

ޖެޓީ އެގޮތަށް އަރިއަޅާލަފައި އޮއްވާ މޫސުން ގޯސް ވެ މިދިޔަ އާދިއްތަ ދުވަހު ތަބުތައް ވެއްޓި، ޖެޓީގެ ކުރީކޮޅު އޮތީ އެކީހެން ވަނީ ވެއްޓިފައެވެ.

"މިހާރު ޖެޓީ އެ ހާލަތުގައި ބޭނުން ކުރުމަކީ ރައްކާތެރިކަމެއްވެސް ނޫން. ފެރީ ދަތުރުތައް ގާތްގަނޑަކަށް ހުއްޓެމުން މިދަނީ. ފެރީތަކާއި މުދާ އުފުލާ ބޯޓުތައް ވެސް އެ ޖެޓީއާ ކާއިރި ކުރާކަށް ބޭނުމެއް ނުވޭ،" ކައުންސިލް ރައީސާ ސަނާ ވިދާޅުވިއެވެ.

ޖެޓީ ބޭނުން ނުކުރެވޭ ހަލަތައް ދިޔުމުން ޓުއަރިޒަމް ކުރިއަރަމުން އަންނަ އިރު، ޓުއަރިޒަމް ދަށަށް ދިޔުމުގެ އިތުރުން، ސިއްހީ މަރުކަޒުގައި އެންމެ ޑޮކްޓަރެއް ހުރުމުން ރަށުން ބޭރަށް ބަލިވެގެން ބަލިމީހަކު އެހެން ރަށަކަށް ދިޔުމަށްވެސް ވަރަށް ބޮޑު ގޮންޖެހުމެއް އަންނާނެ ކަމަށް ސަނާ ފާހަގަ ކުރެއްވިއެވެ.

ދިހަ އަހަރު ކުރިން އެރަށު ރައްޔިތުންގެ ޚަރަދުކޮށްގެން އެޅި ޖެޓީ ވެއްޓުނީ އަރިއަޅާލުމަށް ފަހު، މަރާމަތު ނުކުރުމުގެ ސަބަބުން ކަމަށް ސަނާ ވިދާޅުވިއެވެ. އަދި އޭރު އޭގެ ޒިންމާ ލިލީ އެންޓަޕްރައިޒަސް އިން ނެގި ކަމަށާއި ޖެޓީ މަރާމާތު ކުރުމަށް ވެސް އެއްބަސްވި ކަމަށް ސަނާ ވިދާޅުވިއެވެ. ނަމަވެސް ފަހުން އެބޭފުޅުން ސަރުކާރުން ޖެޓީއެއް އަޅާ ކަމަށް ބުނެ އަޅާ ނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލިދޫ ޖެޓީ ވެއްޓިފައި -- ފޮޓޯ ޓްވިޓާ

އޭނާ ވިދާޅުވީ، 2017 ވަނަ އަަހަރު އޭރުގެ ސަރުކާރުން ޖެޓީ އެއް އެޅުމަށް ބަޔަކާ ހަވާލުކުރެއްވި ކަމަށާއި ނަމަވެސް އަޅަން ނިންމި ދިގު މިން ކުރުވެގެން އަމަލީ މަސައްކަތް ނުފެށި އެކަންތައް ވެސް ހުއްޓުނު ކަމަށެވެ. އޭގެ ފަހުން 2018 ވަނަ އަަހަރު ބަޖެޓްގައި 250 ފޫޓު ޖެޓީއެއް އެޅުމަށް ހިމަނައި މިއަހަރުގެ އޮގަސްޓް މަހުވެސް އެހެން ބަޔަކާ ޖެޓީ އެޅުމަށް ހަވާލު ކުރި ކަމަށް ސަނާ ވިދާޅުވިއެވެ.

ފުލިދޫގައި ޖެޓީއެއް އެޅުމަށް 2019 ވަނަ އަހަރުގެ ބަޖެޓްގައި ވެސް ވަނީ ހިމަނާފައެވެ. ސަނާ ވިދާޅުވީ، މިހާރު ރައީސް އޮފީހުގެ ސަމާލުކަމަށް އެކަން ގެންނަވާފައިވާ ކަމަށާއި އެ އޮފީހުން އެކަން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވި ކަމަށް ސަނާ ބުންޏެވެ.

ފަސްސަތޭކަ އެއްހާ އާބަދީ އެއް އޮންނަ ފުލިދޫގައި ދިރިއުޅެނީ 300 އެެހާ މީހުންނެވެ. މިހާރުވެސް އޮޕަރޭޓް ކުރަމުން އަންނަ، ނުވަ ގެސްޓަހައުސް ހިމެނޭ އެ ރަށުގައި ޓުއަރިސްޓުން ހިތް ދަމާއިގަންނަ ރީތި ވިލު ނޫ ފާޅަކާއި އާދަޔާ ހިލާފް ރީތި ބީޗެއް އޮވެއެވެ. އެރަށުގައި މިހާރުވެސް އިތުރު ނުވަ ގެސްޓްހައުސް ދަނީ ހަދަމުންނެވެ.

އެރަށުގެ ރީތި ބީޗާއި ފާޅު ނެތިގެން ހިނގައިދާނެތީ، އެރަށުގެ ގެސްޓްހައުސް ވިޔަފާރިވެރިން އެރަށުގައި ބަނދަރެއް ހެދުމަށް ކުރީން ދެކޮޅުހެއްދެވިއެވެ. ނަމަވެސް ސަނާ ވިދާޅުވީ، މިހާރު ރަށުގެ ގިނަ ރައްޔިތުން ބޭނުން ވަނީ ބަނދަރެއް ކަމަށެވެ.

ސަނާ އިތުރަށް ވިދާޅުވީ، މިއަދު ރައްޔިތުން ގުޅިގެން އެރަށުން ލަފާ ފުރޭ ގޮތެއް ހެދުމަށް ވަގުތީޖެޓީއެއް ހެދުމަށް މަސައްކަތް ފަށާނެ ކަމަށާއި ވަރަށް އަވަހަށް ހަލާކުވި ޖެޓީ ރޫޅާލާނެ ކަމަށެވެ.