ގޭންގު މާރާމާރީތައް ހުއްޓުވަން، ގޭންގުތަކާ މަޝްވަރާ ކުރުމަށް އެއް މޭޒަކަށް އަރަން ތައްޔާރަށް ހުންނެވި ކަމަށް މިއަދު ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ގޭންގުތަކާ އެކު އެއް މޭޒަކަށް އެރުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މާރާމާރީގެ މައްސަލައަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެހެން ކަމުން، އެކަން ހައްލު ކުރުމަށް ގޭންގުތަކާ ވާހަކަ ދައްކަން މަސައްކަތް ކުރަން އުޅޭކަން ސިއްރު ކުރަން ބޭނުންފުޅު ނުވާ ކަމަށް މިއަދު މަހްލޫފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އުޅެނީ މި މައްސަލަ ހައްލު ކުރަން. މި މައްސަލަ ހައްލު ކުރުމުގައި އަޅުގަނޑު ވާހަކަ ދައްކަންޏާ އަޅުގަނޑު މިހިރީ ގޭންގުތަކާ ވާހަކަ ވެސް ދައްކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ މިއަދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ގޭންގުތަކާ ހަނގުރާ ކުރުމަށް ނޫން ކަމަށާއި، ބޭނުން ވަނީ އެކުވެރިކަމާ އެކު ވާހަކަ ދައްކައިގެން މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި އުޅެނީ ގޭންގުތަކާ ހަނގުރާމަ ކުރާކަށް ނޫން. އަޅުގަނޑުމެން މި އުޅެނީ ވާހަކަ ދައްކައިގެން ހައްލު ކުރަންޏާ ވެސް މިކަން ހައްލު ކުރަން. މިކަން ކުރަން ޖެހޭ ސަބަބަކީ އޭގެ ތެރެއަށް ވަދެގެން ގޮސް ކުއްޖަކު މަރާލާ ފަހުން ނޫނީ މީހެއްގެ ގަޔަށް ވަޅިއެއް ހަރާލާ ފަހުން، ނުވަތަ ކޮންމެވެސް ތަނެއް ފަޅާލައިގެން ކޮންމެވެސް ގޯސް ކަމެއް ކުރެވޭ ފަހުން ޖަލަށް ދަނީ. އެެހެންވީމަ އޭގެ ތެރެއަށް ވަދެވިފައި ތިބި ކުދިންނަށް ވެސް އަދި ވަންނަން ދާ މަގުމަތީގައި ތިބި ކުދިން ވެސް އެކަމުން ސަލާމަތް ކޮށްދިނުމަށް،"

މަހްލޫފު ވިދާޅުވީ، އޭނާ ދަންނަ ފަރާތްތައް ވެސް ގޭންގުތަކުގައި އުޅޭ ކަމަށާއި އެހެން ކަމުން އެ ފަރާތްތަކަށް އޭނާއާ ވާހަކަ ދެއްކޭނެ ކަމަސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދަންނަ ހަމަ ބައިވަރު ކުދިން އެބަ ތިބި، ހަމަ ޒުވާނުން އެކިއެކި ގޭންގުތަކުގައި. ރައްޓެހިން އެބަ ތިބި. އެހެންވީމަ އަޅުގަނޑާ ވާހަކަ ދެއްކޭނެ،"

އޭގެ އިތުރުން، ގޭންގުތަކުގައި އުޅޭ ކުދިން އިޖްތިމާއި މަސައްކަތުގެ ތެރެއަށް ވެއްދުމުގެ ވިސްނުންފުޅު ވެސް ގެންގުޅުއްވާ ކަމަށް މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ. އެގޮތުން، ޔޫތް މިނިސްޓްރީން ބާއްވަން ރާވާފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކުޅިވަރު ފެސްޓިވަލުގައި ވޮލެންޓިއަރުންގެ ގޮތުގައި ގޭންގް ކުދިން ނަންގަވަން ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ވަރަށް އޯޕަންލީ އިންވިޓޭޝަން މި ދެނީ އަޅުގަނޑުމެންނާ އެކީ ރީއްޗަށް އިށީނދެގެން ވާހަކަ ދައްކައިގެން، އިތުރަށް އެއްބަޔަކު އަނެއްބަކު ޒުވާނުން ގަޔަށް ވަޅި ހަރައ،ި މަރައި، މިކަން ނުކޮށް ކިހިނެއްތޯ މިކަން ހައްލު ކުރާނީ [ބެލުމަށް]،" މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން ގޭންގުތަކުގައި އުޅޭ ބައެއް މީހުންގެ ފައިގައި ޓެގު އެޅުވުން ހިމެނެއެވެ.