ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ސުޕްރީމް ކޯޓުން މި ހަފްތާގައި ހުކުމް ކުރި ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަނުކޮށް، ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާކަން ދީފިއެވެ.

ހަމީދުއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ޅިޔަނެވެ.

އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހަމީދު އައްޔަނުކޮށް، އޭނާއަށް ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމު ދިންކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ. އެހެން ނަމަވެސް މިހާތަނަށް ފުލުހުން މި ކަން ހާމަކޮށްފައެއް ނުވެއެވެ.

ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫންކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ހެޑްގެ މަގާމު މީގެ ކުރިން ވެސް އަދާކުރެއްވި ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރިކަމުގެ ތުހުމަތުގައި، 2012 އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމުގެ އިތުރުން ދޫނިދޫގައި ބަންދުވެސް ކުރިއެވެ.

އެ މައްސަލައިގައި ހަމީދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ ހަމީދަށް ވަޒީފާ ދިނުމަށެވެ. ދައުލަތުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން ހައިކޯޓުން ނިންމީ ހަމީދު ވަކިކުރީ ރަނގަޅަށް ކަމަށެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅި ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެ ފަހުން މި އަހަރުގެ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބަށްފަހު އަނެއްކާވެސް ހަމީދުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތެވެ.

އެ މައްސަލަ ބަލައި، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ހަމީދު މަގާމުން ވަކިކުރުމަށް ބޯޑުން ނިންމި ނަމަވެސް ހެކި ހުރިކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަކީ ގަވައިދުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫންކަމަށާއި ފުލުހަކު ޖިނާއީ ކަމެއްގައި ވަޒީފާއިން ވަކިކުރެވޭނީ ހުކުމެއް އިއްވީމާ ކަމަށް ގަވައިދުން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ހުކުމެއް އިއްވާފައި ނުވަނީށް ޖިނާއީ ތަހުގީގެއްގައި ހުރި ހެކިތަކަށް ބަލައި، ހަމީދު ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރިއެވެ.