05 Dec 2018, 08:36
ވޮޝިންޓަން (ޑިސެމްބަރު 4): ދެހާސްސޯޅަވަނަ އަހަރު އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި ބާނީ ސޭންޑާސް 2020 ވަނަ އަހަރުވެސް ވެރިކަމަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތްތަކެއް ކުރައްވައިފި އެވެ.
ނިއު ޔޯކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި 77 އަހަރުގެ ސޭންޑާސް ވިދާޅުވީ، ޑޮނަލްޑް ޓްރަމްޕާ ވާދަ ކުރަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ އޭނާ ކަމަށްވާ ނަމަ، ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށް ބެލެވޭ މީހަކު ހުރި ނަމަ އެމީހަކު (ރައީސްކަމަށް) އިންތިހާބު ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. (ނަމަވެސް) ޑޮނަލްޑް ޓްރަމްޕް ބަލި ކުރަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ އަޅުގަނޑު ކަމަށްވާ ނަމަ، އަޅުގަނޑު (ވެރިކަމަށް) ވާދަ ކުރާނަން،" ސޭންޑާސް ވިދާޅުވި އެވެ.
އަދި 2016 ވަނަ އަހަރު ސޭންޑާސްގެ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި ޖެފް ވީވާ ވަނީ 2020 ވަނަ އަހަރު ސޭންޑާސް ވެރިކަމަށް ވާދަ ކުރައްވާ ނަމަ، އޭނާގެ ކެމްޕެއިން ކުރިއަށް ވުރެ މާ ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސޭންޑާސް ފައްޓަވާނީ ވެސް ރިޔާސީ ރޭހުގައި އެންމެ ކުރީގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.
ސޭންޑާސް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ކުރިމަތިލައްވައިފި ނަމަ ވާދަ ކުރައްވަން ޖެހިދާނެ ފަރާތްތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން، ވިޔަފާރިވެރިޔާ މައިކަލް ބްލޫމްބާގް އަދި މެސެޗޫސެޓްސްގެ ސެނެޓަރު އެލިޒަބެތް ވޮރެން ހިމެނެ އެވެ. މީގެ އިތުރުން، ހިލަރީ ކްލިންޓަންވެސް ވަނީ 2020 ވަނަ އަހަރު ރައީސްކަމަށް ކުރިމަތިލައްވަފާނެ ކަމުގެ އިޝާރާތްތަކެއް ކުރައްވާފަ އެވެ.
ދެހާސްސޯޅަ ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ސޭންޑާސްއާ ވާދަ ކުރެއްވި ކްލިންޓަން ކެންޑިޑެސީ ކާމިޔާބު ކުރެއްވީ 55.2 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.