04 Dec 2018, 16:22
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި އަދަދަށް ވުރެ ގޮނޑި އިތުރު ނުކުރުމަށް، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ހުށަހެޅުއްވި ބިލް ބޭރުކޮށްލައިފި އެވެ.
އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް 26 މެންބަރަކު ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް 44 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.
ޚަލީލް ހުށަހެޅުއްވި އެ ބިލްގައި ބުނެފައި ވަނީ، މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އެއްފަހަރު އިތުރުކުރުމަކީ ގައުމުގެ އިސްތިސޯދަށް ނުހަނު ބުރަ ބޮޑުވެގެންދާ އަދި އެކަމުގެ ނޭދެވެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުކުރުމުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ތަރައްގީއަށް ވެސް އެދެވޭ ބަދަލުތަކެއް އައުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ އިދާރީ ދާއިރާތައް ކޮންމެ އިންތިހާބަކާ ގުޅިގެން އިތުރުވަމުންދާ ދިއުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ޚަލީލުގެ ބިލްގައިވެ އެވެ.
"ފުދުންތެރި ރައްޔިތުންތަކެއް އުފެއްދުމުގެ އެންމެ މުހިންމު އެއް އަސާސަކީ އެ ގައުމެއްގަ ކުރެވޭ ހަރަދުތައް ކުޑަކުރުން. އެއީ ހުރިހާ ދިމާލަކުން ވެސް ކުރަން ޖެހޭ ކަމެއް،" އެ ބިލަށް ބަހުސް ކުރައްވަމުން ޚަލީލް ވިދާޅުވި އެވެ.
އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެ ދާއިރާ އެއް އިތުރުކުރުމަށް ނިންމާފަ އެވެ. އެ ދެ ދާއިރާ އަކީ މައްޗަންގޯޅި މެދު އަދި ހެންވޭރު ހުޅަނގު ދައިރާ އެވެ.
މަޖިލިސް އަށް އިތުރުވި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު މި ދެ ގޮނޑިއާ އެކު، 18 ވަނަ ރައްޔިތުންގެ މަޖިލސް ގައި 87 މެމްބަރުން ތިއްބަވާނެ އެވެ. މިހާރުގެ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުންނެވެ.